އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓޮން ވިލާއިން ކުޅުނު މެޗުގައި ފަހަތުން އަރައި ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ރޭ ވިލާގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ވިލާއާ ސްޓީވަން ޖެރާޑު ހަވާލުވިފަހުން އެޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. ލިވަޕޫލް ލެޖެންޑް ޖެރާޑާއެކު ވިލާ މިހާތަނަށް ބަލިވީ މެންޗެސްޓާ ސިޓީ އަތުން އެކަންޏެވެ. ރޭގެ މެޗު ގެއްލެން ދަނިކޮށް ދެވަނަ ހާފަށް ނުކުމެ ވިލާއިން ނަތީޖާ އަނބުރާލިއިރު، ދެން ވިލާ ނުކުންނަން އޮތީ ލިވަޕޫލާ ދެކޮޅަށެވެ.

އެންފީލްޑްގައި އޮތް އެ މެޗު ހާއްސަވާނެ ސަބަބަކީ ޖެރާޑަށް މެޗުގެ ފޯކަސް ހުއްޓުމެވެ. ލިވަޕޫލާއެކު ކެރިއަރުގައި އެތައް އަހަރެއް ހޭދަކޮށް، އެ ކްލަބުގެ ކެޕްޓަން ބޭންޑުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، ޗެމްޕިއަންސް ލީގުވެސް އުފުލާލާފައިވާ ޖެރާޑް ކްލަބުން ދިޔަފަހުން އެނބުރި އަންނަ ހަފުތާ އެ ކްލަބަށް ދާނީ ވިލާގެ ކޯޗުގެ ގޮތުގައި ހުރެގެންނެވެ. ރޭގެ މެޗުގައި ޖެރާޑް ކުރި ހޯދީ އޭނާއަށް ލިވަޕޫލުގައި ކޯޗުކަން ކޮށްދިން ބްރެންޑަން ރޯޖާސްގެ ލެސްޓާ ސިޓީގެ މައްޗަށެވެ. ދެން ޖެރާޑު ޓާގެޓަކީ ލިވަޕޫލް މެޗެވެ.

ރޭގެ މެޗުގެ ފެށިގެން 14 ވަނަ މިނެޓުގައި ހާވީ ބާންސް ޖެހި ގޯލާއެކު ލެސްޓާއިން ލީޑު ނެގި ނަމަވެސް ހާފު ނިމުމުގެ ކުރިން އެސްޓޮން ވިލާގެ އެޒްރީ ކޮންސާ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެވަނަ ހާފަށް ނުކުމެ ވިލާ މޮޅުކޮށްދިނީވެސް ކޮންސާ ޖެހި ގޯލަކުންނެވެ.

މެޗަށްފަހު ޖެރާޑް ބުނެފައި ވަނީ ޓީމުގައި ހައްލުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި، ދެވަނަ ހާފަށް ނުކުތްއިރު ކުޅުންތެރިން ކައިރިން އެދުނީ ހިތްވަރުލައިގެން ކުޅުމަށް ކަމަށެވެ. އެކަން ކުޅުންތެރިން ދަނޑުމަތީގައި ދައްކައި، މެޗު އަނބުރާލުމުން އުފާކުރާ ކަމަށްވެސް ޖެރާޑު ބުންޏެވެ.