އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.

ޔުނައިޓެޑްގެ އޯލްޑްޓްރެފޯޑު ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަކީ ޔުނައިޓެޑާ އަލަށް ހަވާލުވި ކޯޗު ރާފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ކްލަބު ކުޅުނު ފުރަތަމަ މެޗެވެ. މިރޭގެ މެޗުން މޮޅުވެ، ރަންގްނިކް ވެފައި ވަނީ ސާ އެލެކްސް ފާގަސަންގެ ފަހުން ކްލަބާ ހަވާލުވެ، ފުރަތަމަ މެޗުން މޮޅުވި ތިންވަނަ ކޯޗަށެވެ. ފާގަސަންގެ ފަހުން ޔުނައިޓެޑާ ހަވާލުވި ކޯޗުންގެ ތެރެއިން ފުރަތަމަ މެޗުން މޮޅު ނުވެވުނު ހަމައެކަނި ކޯޗަކީ ލުއިސް ވެންހާލްއެވެ.

މިރޭގެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ރަންގްނިކްގެ ފިލޯސަފީ ދަނޑުމަތިން ފެނިގެން ދިޔައެވެ. ޖަރުމަނުގެ ހައި ޕްރެސިން، ހައި އިންޓެންސިޓީ "ގީގެން ޕްރެސިން"ގެ ކޮންމެވެސް ވަރެއް ޔުނައިޓެޑުގެ ކުޅުމުން ފެނުނެވެ. ޕްރިމިއާ ލީގުގައި ލިވަޕޫލްގެ ޖަރުމަނު ކޯޗު ޔާގަން ކްލޮޕާއި ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްވެސް ބޭނުންކުރާ އެ ފިލޯސަފީގެ އެންމެ ފުންނާބު އުސް އެއް ކޯޗަކީ ރަންގްނިކަށްވުން އެއީ މިރޭގެ މެޗުގައި ޔުނައިޓެޑުގެ ކުޅުމުން ބަދަލުތަކެއް ފެނުނު އެއް ސަބަބެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ބްރެޒިލްގެ ފްރެޑް ޖެހި ގޯލުން ޔުނައިޓެޑް މެޗު ކާމިޔާބުކުރި އިރު، އެންމެ މުހިއްމު ކަމަކަށް ފެނުނީ ބޯޅަ ހިފަހައްޓައިގެން ފުރަތަމަ ހާފުގައިވެސް ޔުނައިޓެޑުން ފުރުސަތުތަކެއް ހޯދުމެވެ. އެލެކްސް ޓެޔާސްގެ ހިލޭ ޖެހުމެއް ޕެލެސްގެ ގޯލްކީޕަރު ގުއައިޓާ މަތަކޮށް ބޭރު ކޮށްލި އިރު، ފެނާންޑޭޒްއަށް ލިބުނު ފުރުސަތު އޭނާ ނަގައިލިއެވެ.

ޔުނައިޓެޑަށް މެޗުގައި ނުރައްކާވީ ޖޯޑަން އަޔޫ ފޮނުވާލި ހަމަލާއަކުންނެވެ. އެހެން ނަމަވެސް އެ ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

މެޗުން މޮޅުވެ ޔުނައިޓެޑް ތާވަލުގެ ހަވަނައަށް ޖެހިލީ 15 މެޗުން 24 ޕޮއިންޓާ އެކުގައެވެ. ފަސްވަނައިގައި މިވަގުތު އޮތީ މިރޭ ވޮޓްފޯޑު ކައިރީ 3-0 ގެ މޮޅެއް ހޯދި ޓޮޓެންހަމްއެވެ. ޓޮޓެންހަމްއަށް 14 މެޗުން 25 ޕޮއިންޓް ލިބިފައިވާ އިރު، ހަތްވަނައިގައި މިވަގުތު އޮތް އާސެނަލަށް 14 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ.