ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރަށް ނިސްބަތްވާ ޔޮޓް ޓުއާސްއިން އެދުނު ގޮތަށް، ހއ. އަލިދޫ ރިސޯޓް ބަންދުކުރި މުއްދަތުގައި އެ ރިސޯޓުގެ ކުއްޔާއި ޖޫރިމަނާ ނުހިނގާނެ ކަމަށް ހައިކޯޓުން ވެސް އަމުރެއް ނުނެރެދިނެވެ.
މި މައްސަލައަކީ، 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު އާދަޔާ ހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން ފަތުރުވެރިންނަށް ހިދުމަތް ދިނުން ދަތިވެ އެ ރިސޯޓު ބަންދުކުރި މުއްދަތުގައި އެ ރިސޯޓުގެ ކުއްޔާއި ކުލީގެ ޖޫރިމަނާ ނެގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް)ގެ މައްޗަށް ޔޮޓް ޓުއާސް އިން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލައެކެވެ.
މި މައްސަލައިގައި އެ ކުންފުނިން ބުނެފައިވަނީ ރިސޯޓު ބަންދުކޮށްފައިވާ މުއްދަތުގައި ކުއްޔާއި ކުލީގެ ޖޫރިމަނާ ނެގުމަކީ ލީސް އެގްރީމެންޓާ ހިލާފުކަމެއް ކަމަށެވެ. އެހެންކަމުން އެ މުއްދަތުގައި ކުއްޔާއި ޖޫރިމަނާ މެދުކަނޑައިލެވޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި، އަލިދޫ ރިސޯޓް މަރާމާތުކުރުމަށް ބަންދުކޮށްފައިވާ މުއްދަތުގައި ލީސް އެގްރީމެންޓުގެ ދަށުން "ލިކުއިޑޭޓެޑް ޑެމޭޖަސް" ނެގުމަށް ކަނޑައަޅާފައިވާ އުސޫލަކީ އިންސާފުވެރި އުސޫލެއް ނޫން ކަމަށާއި، ލިކުއިޑޭޓެޑް ޑެމޭޖަސް ނުނެގޭނެކަމަށް ކަނޑައަޅައި ދިނުމަށާއި، އެ ފައިސާ ހޯދުމަށް ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށާއި ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެ ކުންފުނިން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، އަލިދޫ ރިސޯޓު ބަންދުކޮށްފައިވާ މުއްދަތުގައި ކުއްޔާއި ޖޫރިމަނާ ނުހިނގާނެ ކަމަށް ޝަރީއަތުން ކަނޑައަޅައިދެވެން ނެތް ކަމަށެވެ. އަދި ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމަށް ލީސް އެގްރީމެންޓުގައި ހިމަނާފައިވާ 33 ވަނަ މާއްދާ އަދުލުވެރި ނޫންކަމަށް ކަނޑައަޅާނެ ތަނެއް ނެތުމާއެކު ޔޮޓް ޓުއާސް އިން އެދިފައިވާ އަމުރު ނެރެދެވެން ނެތްކަމަށް ވެސް އެ ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވެއެވެ.
މިއަދު ހައިކޯޓުން ކުރި ހުކުމަކީ ޔޮޓް ޓުއާސްއިން އެ މައްސަލަ އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށްފަހު އިއްވި ހުކުމެކެވެ.
ޝަރީއަތުގައި ފާހަގަކުރެވުނު ކަންތައްތަކަށް ރިއާޔަތްކޮށް ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ، އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު