ޖަރުމަނުގެ ކްލެސިކޯ، ޑާ ކްލަސިކާ ބަޔާން މިއުނިކުން ކާމިޔާބު ކޮށްފިއެވެ.

ޖަރުމަނު ކްލަބު ފުޓުބޯޅައިގެ ކްލެސިކޯއަކީ އެގައުމުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ބަޔާން މިއުނިކާއި ބްރޫޝިއާ ޑޯޓުމަންޑުން ވާދަކުރާ މެޗުތަކަށް ދީފައިވާ ހާއްސަ ނަމެކެވެ. ބުންޑަސްލީގާގެ މިދިޔަ 28 ސީޒަންގެ ތެރެއިން 24 ސީޒަނެއްގައި އެ ދެޓީމުން ކުރެ ކޮންމެވެސް އެއް ޓީމަކުން ތަށި ގެންގޮސްފައިވާ އިރު، ލީގުގައި ދެޓީމު ކުޅޭ މެޗުތައް އަބަދުވެސް ފެންނަނީ ފޯރިގަދަ ކޮށެވެ.

ރޭގެ މެޗަކީ ތާވަލުގެ އެއްވަނައަށް މުހިއްމު ވެފައިވެސް އޮތް މެޗެކެވެ. ޑޯޓުމަންޑުގެ ދަނޑުގައި ކުޅުނު މެޗު 3-2 އިން ބަޔާން ކާމިޔާބުކުރުމާއެކު ބަޔާން ވަނީ 14 މެޗުން 34 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ޑޯޓުމަންޑް ދެވަނައިގައި އޮތީ 14 މެޗުން 30 ޕޮއިންޓާއެކުގައެވެ.

"ޑްރާމާ" ބޮޑުކޮށް ފެނުނު މެޗުގެ ފަސްވަނަ މިނެޓުގައި ޑޯޓުމަންޑުގެ ޖޫލިއަން ބްރެންޑްތު ޖެހި ގޯލާއެކު އެޓީމުން ލީޑު ނެގި ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ރޮބާޓް ލެވަންޑޯސްކީ ވަނީ ބަޔާންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ހާފް ނިމުމުގެ ކުރިން ކިންގްސްލީ ކޯމަންގެ ގޯލާއެކު ބަޔާން ލީޑުވެސް ނެގިއެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި އާލިންގް ހާލަންޑުގެ ގޯލަކާއެކު ޑޯޓުމަންޑު އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ ނަތީޖާ ހަމަހަމަ ވާން ދަނިކޮށް 77 ވަނަ މިނެޓުގައި ބަޔާންއަށް ޕެނަލްޓީއެއް ލިބުނެވެ. ބަޔާންއަށް ލިބުނު ޕެނަލްޓީއަކީ އޭރިއާ ތެރެއިން ޑޯޓުމަންޑުގެ މެޓްސް ހުމެލްސް އަތުގައި ބޯޅައިން ޖެހުނު ކަމަށް، ވީއޭއާރް ބަލައި ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޕެނަލްޓީގެ ސަބަބުން ޑޯޓުމަންޑުގެ ކުޅުންތެރިންނާއީ ކޯޗުން ވަރަށް ބޮޑަށް ޝަކުވާވެސް ކުރިއެވެ. އެވަގުތު ޑޯޓުމަންޑުގެ ކޯޗު މާކޯ ރޯސްއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ބެންޗުންވެސް ފޮނުވާލައެވެ. ޕެނަލްޓީ ކާމިޔާބުކޮށް ލެވަންޑޯސްކީ މިއަހަރު ޖެހި 66 ވަނަ ގޯލު ޖެހި އިރު، އޭނާ އަދި މިއަހަރު ކުޅުނީ 55 މެޗެވެ.

މެޗުގައި ޑޯޓުމަންޑުގެ ދެ ގޯލަށްވެސް އެސިސްޓްކޮށްދިން އިންގްލެންޑުގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް، މެޗަށްފަހު ބުނެފައި ވަނީ ރެފްރީ މެޗު ވިއްކާލި ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށެވެ.

"ޖަރުމަނު ފުޓުބޯޅައިގައި މި އަރުވަނީ މާ ކުރިން މެޗު ފިކްސް ކޮށްފައި ހުންނަ ރެފްރީއެއް. މިއަށް ޖަވާބު ލިބެން ޖެހޭ،" މެޗަށްފަހު ބެލިންހަމް ބުންޏެވެ.