ކުޅިވަރު

ވެސްޓްހަމް އަތުން ބަލިވެ، ޗެލްސީއަށް އެއްވަނަ ގެއްލުމުގެ ބިރު

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ވެސްޓްހަމްއާ ދެކޮޅަށް ކުޅުނު މެޗު 3-2ގެ ނަތީޖާއަކުން ވެސްޓްހަމް ކާމިޔާބުކޮށްފިއެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުން ބަލިވެ، ޗެލްސީއަށް ވަނީ ލީގު ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރު ހީވެފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 15 މެޗުން ޗެލްސީއަށް 33 ޕޮއިންޓު ލިބިފައިވާ އިރު، މިހަފުތާ އަދި މެޗެއް ނުކުޅެ، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 14 މެޗުން ވަނީ 32 ޕޮއިންޓު ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ލިވަޕޫލަށް 14 މެޗުން 31 ޕޮއިންޓް ވަނީ ލިބިފައެވެ.

ލިވަޕޫލުން މި ހަފުތާގައި ކުޅޭ މެޗުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ނުކުންނަ އިރު، މިރޭގެ ފަހު މެޗުގައި މެންޗެސްޓާ ސިޓީން ނުކުންނާނީ ވޮޓްފޯޑާ ދެކޮޅަށެވެ. މިރޭގެ މެޗުތަކުން މޮޅުވެ އެ ދެޓީމަށްވެސް ތާވަލުގައި ޗެލްސީގެ ކުރިއަށް ޖެހިލެވޭނެއެވެ. ވެސްޓްހަމްއަށް ހަތަރުވަނަ މަގާމު ދަމަހައްޓަން މިރޭ ހޯދި ތިން ޕޮއިންޓް މުހިއްމު ވެފައި އޮތް އިރު، އެޓީމަށް 15 މެޗުން ވަނީ 27 ޕޮއިންޓު ލިބިފައެވެ.

މެޗު ފެށިގެން 20 ވަރަކަށް މިނެޓް ހަމަލާއެއް ނުފެނި ދިޔަ ނަމަވެސް 29 ވަނަ މިނެޓުގައި ތިއާގޯ ސިލްވާގެ ގޯލުން ޗެލްސީ ލީޑު ނެގިއެވެ. ނަމަވެސް އެ ލީޑުގައި ޗެލްސީއަށް ހަމަޖެހިއެއް ނުލެވުނެވެ. ގޯލްކީޕަރު އެޑުއާޑް މެންޑީ އޭރިއާ ތެރެއިން ބޮވެންއަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލައި ލަންޒިނީ ވަނީ ވެސްޓްހަމްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ހާފު ނިމެން ދަނިކޮށް ޗެލްސީން އަނެއްކާވެސް ލީޑު ނެގިއެވެ. މޭސަން މައުންޓްގެ ހިތްގައިމު ގޯލުން ލީޑު ނަގައި ޗެލްސީން ދެވަނަ ހާފަށް ނުކުތް ނަމަވެސް، ވެސްޓްހަމްއިން ދެވަނަ ހާފަށް ކުޅުނު އިތުރަށް ރަނގަޅު ކުރިއެވެ. ވެސްޓްހަމްގެ ކުރިއަށް ކުޅުނު އެންޓޯނިއޯއާއި ބޮވެންގެ ނުރައްކާ ބޮޑުކޮށް ފެނުނު އިރު، ވެސްޓްހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބޮވެންގެ ހިތްގައިމު ގޯލަކުންނެވެ.

ޗެލްސީންވެސް ގޯލަކަށް މަސައްކަތްކޮށް އެޓޭކިން ބަދަލުތަކެއް ކުރި ނަމަވެސް ތިންވަނަ ގޯލެއް ފެނުނީވެސް ވެސްޓްހަމްގެ ފަރާތުންނެވެ. އަރިމަތިން އަރުތޫރް މަސުއަކޫ ޖެހި ނުރައްކާތެރި ބޯޅަ ގޯލަށް ވަނީ ވަރަށް ބޮޑަށް ވައިތެރޭގައި މިސްރާބު ބަދަލުވެގެން ގޮސް، ޗެލްސީ ގޯލްކީޕަރު މެންޑީ އަތުގައި ޖެހިފައެވެ.

މިއީ މި ސީޒަންގެ ލީގުގައި ޗެލްސީއަށް މިހާތަނަށް ކުރިމަތިވި ދެވަނަ ބައްޔެވެ. މީގެ ކުރިން އެންމެފަހުން ލީގުގައި ޗެލްސީ ބަލިވެފައި އޮތީ ސެޕްޓެންބަރު މަހު ސިޓީ އަތުންނެވެ. އަދި މިއީ ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެއް މެޗެއްގައި އެޓީމު ކޮޅަށް ތިން ގޯލު ވަން ފުރަތަމަ މެޗުވެސް މެއެވެ. މިހާތަނަށް މި ސީޒަންގެ ލީގުގައި ޗެލްސީ ކޮޅަށް ވަދެފައި ވަނީ ނުވަ ގޯލެވެ. އޭގެ ތެރެއިން ތިން ގޯލު ވަނީ މިރޭގެ މެޗުގައެވެ.