ކުޅިވަރު

ޓީޓީ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުގައި ދީމާގެ ޕެއާ ކުޅުނު މިކްސް ޑަބަލްސް މެޗުން މޮޅެއް

ޕޯޗުގަލްގައި ކުރިއަށްދާ ޓޭބަލް ޓެނިސް ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ، މިއަދު މިކްސް ޑަބަލްސް ޑިވިޝަންގައި ކުޅުނު މެޗުން މޮޅުވެއްޖެއެެވެ.

މުބާރާތުގައި ދީމާގެ މިކްސް ޑަބަލްސް ޕާޓްނަރަކީ ޗެކް ރިޕަބްލިކްގެ މާޓިސް ސިޕްއެވެ. ދީމާއާއި ސިޕްގެ ޕެއާ މިއަދު ކުޅުނީ އޮސްޓްރޭލިއާގެ ނިއީ ޝުލޮންއާއި ސިހޯއިއޯސް ކޮންސްޓަންޓީނާގެ ޕެއާއާ ދެކޮޅަށެވެ. ދީމާގެ ޕެއާއިން މެޗު ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުން ކުރި ހޯދައިގެންވެެ. ފުރަތަަމަ ދެ ސެޓު ދީމާއާއި ސިޕްގެ ޕެއާ އިން 4-11، 7-11 އިން ގެންގޮސްފައިވަނިކޮށް ނިއީ އާއި ކޮންސްޓަންޓީނާގެ ޕެއާ ތިން ވަނަ ސެޓު ގެންދިޔައީ 11-09 އިންނެވެ. އެ ސެޓު ދިޔަ ނަމަވެސް ދެން ކުޅުނު ސެޓު 07-11 އިން ގެންގޮސް ދީމާއާއި ސިޕްގެ ޕެއާ މެޗުން މޮޅުވިއެވެ.

މިކްސް ޑަބަލްސްގައި ދީމާގެ ޕެއާއިން މިރޭ އިތުރު މެޗެއް ކުޅޭނެއެވެ. ދީމާއާއި ސިޕްގެ ޕެއާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރޮމޭނިއާގެ ޕެއާއެއް ކަމަށްވާ ޗިރިޓާ ލުލިއަންއާއި ރޯސޫ ބިއާންކާގެ ޕެއާއާއެވެ.

އަންހެން ޑަބަލްސް އިވެންޓުގައިވެސް ދީމާ ވާދަކުރާނެއެވެ. އެ އިވެންޓުގައި އޭނާގެ ޕާޓްނަރަކީ ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަންއެވެ.

ދުނިޔޭގެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީގެ 24 ކުޅުންތެރިންގެ އެންޓްރީ ލިސްޓުގައި ދީމާގެ ނަން ހިމަނާފައި ވަނީ 13 ވަނައިގައެވެ. ދީމާ، ދުނިޔޭގެ މުބާރާތަށް ކޮލިފައިވެފައި ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާގެ ކާމިޔާބީއާއި ދުނިޔޭގެ ރޭންކިންއަށް ބެލުމަށް ފަހުއެވެ.

ދީމާ، 13، ވަނީ މިދިޔަ އޭޕްރީލް މަހު ނެރުނު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ރޭންކިންގެ 15 އަހަރުން ދަށުގެ ބައިން އަށް ވަނައަށް ޖެހިލައިފައެވެ. އޭރު ސީނިއާ ކެޓަގަރީއަށް ބަލައި އިރު 17 އަހަރުން ދަށުގެ ބައިން ދީމާ ވަނީ ދުނިޔޭގެ 41 ވަނައަށް އަރައިފައެވެ. އެކަމަކު އެންމެ ފަހުން އޯގަސްޓް މަހުގައި ނެރުނު ރޭންކިންގައިވާ ގޮތުން ދީމާ އޮތީ 15 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 11 ވަނައިގައެވެ. އަދި 17 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 53 ވަނައިގައެވެ.

ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެއަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފައެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ.