ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން އެންމެ ބޮޑު ޝަކުވާއެއް ލިބެނީ ބިލްޑިންގުތަކުގެ ސިޑި ގޮޅިތަކާއި އެކި ލިފްޓުން އަރައި، މީހުން މަސްތުވާތަކެތި ބޭނުންކުރަމުންދާ މައްސަލައިގައި ކަމަށާއި، ޔުނިޓުތަކުގައި ލާފައި ހުރި ސޯލޮކް (ތަޅުތައް) އެކްޓިވޭޓް ކުރަން ފެށުމުން އެ މައްސަލަ ހައްލުވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ މީޑިއާ އޮފިސަރު އަލީ މަޝާރު މިއަދު ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރުމާއި، ފްލެޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ކިބައިން އަންނަ ޝަކުވާތަކާ ގުޅިގެން މުޅި އެ ސަރައްދުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ފުލުހުންގެ ކަމެއް ކަމަށްވެސް ވިޅާޅުވިއެެވެ.

މަޝާރު ވިދާޅުވީ ދޮރުތަކުގެ ލޮކްތައް މިހާރު އެކްޓިވޭޓް ނުކުރެވިގެން އުޅެނީ ފްލެޓުތަކުގައި މަސައްކަތްތައް ކުރިއަށްދާތީ ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަަށް އަބަދުވެސް ގިނަ ބަޔަކު އެ ތަންތަނަށް ވަދެ ނިކުމެ އުޅޭތީ ކަމަށެވެ.

ނަމަވެސް އަންނަ މަހުން ފެށިގެން ފްލެޓުތަކުން ކުލި ނަގަން ފަށާއިރު ޔުނިޓުތަކުގައި ހުރި ލޮކްތައް އެކްޓިވޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ލޮކްތައް އެކްޓިވޭޓް ކުރުމުން ޔުނިޓުތަކުގެ ސިޑިގޮޅިއަށް ވަދެވެން ހުންނަ ދޮރާއި ލިފްޓަށް ވަދެވެން ހުންނަ ދޮރު ބަންދު ކުރެވޭނެ ކަމަށާއި، އޭގެ ފަހުން ފްލެޓްތަކަށް މީހުންނަށް ވަދެވޭނީ އެތަންތަނަށް ވަންނަން ބޭނުން ކުރަންޖެހޭ އެކްސެސް ކާޑު ބޭނުން ކޮށްގެން ނުވަތަ ޕްލެޓުގައި އުޅޭ މީހުން އެކްސެސް ދީގެން ކަމަށްވެސް މަޝާރު ވިދާޅުވިއެވެ.

މަޝާރު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ފޭސް ދޭކުން ފްލެޓް ލިބުނު ގިނަ ބަޔަކު ފްލެޓާ ހަވާލުވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ބައެއް މީހުން ފްލެޓާ ހަވާލުނުވެ އެބަތިބި ކަމަށާއި އެކަމަށް ރެސްޕޮސްޑް ނުކުރާ މަދު ބަޔަކުވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެވަނައަށް އެންމެ ބޮޑު ޝަކުވާއަކަށް ދެވަނަ ފިޔަވަހިން ހުށަހަޅަނީ ކުނީގެ މައްސަލަ ކަަމަށާއި އެކަމަށްވެސް ހައްލު ހޯދައިދެވިފައިވާ ކަމަށެވެ.