Close
ޚަބަރު

ފީވަކުގެ ފެނުގެ ނިޒާމު އަދި ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ރިފާ ހަލީލު

ށ. ފީވަކު ފެނުގެ ނިޒާމު އަދި ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.

ފީވަކު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި، ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް އަބްދުލް ހަކީމާއި، ށ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމާއި ފީވަކު ކައުންސިލުގެ ރައީސް އަލީ ރަޝީދު ހަސަނެވެ. އަދި ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޝަހީދު ހިމެނިވަޑައިގެން މި ބޭފުޅުން ވަނީ ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދު ފައްޓަވައިދެއްވައިފައެވެ.

ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ފީވަކަށް ފޮނުވާފައިވާ އިރު، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތުގެ 33 ޕަސެންޓު މިހާރު ނިންމާފަައިވާ ކަމަށް ފެން ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ފީވަކުގައި 9.18 ކިލޯމީޓަރު ދިގު ފެން ހޮޅީގެ މައި ނެޓުވޯކު ގާއިމުކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ގާއިމުކުރުމާއި ފެން ރައްކާ ކުރަން ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ. އޭގެ އިތުރުން ގޭގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރިކޮށްދޭނެ ކަމަށްވެސް ފެން ކުންފުނިން ބުންޏެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ފެން ކުންފުންޏާ ހަވާލުކޮށްފައިވަނީ 49.60 މިލިއަން ރުފިޔާއަށެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި އެރަށަށް ފޮނުވާފައިވާ އިރު، ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތުގެ 66 ޕަސެންޓު މިހާރު ނިންމާފަައިވާ ކަމަށް އެމްޑަބްލިިޔުއެސްސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ފީވަކުގައި 12.07 ކިލޯމީޓަރު ދިގު ފެން ހޮޅީގެ މައި ނެޓުވޯކު ގާއިމުކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ގާއިމުކުރުމާއި ފެން ރައްކާކުރަން ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި 7.30 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި 1.48 ކިލޯމީޓަރު ޕަންޕިން ލައިން އެޅުމާއި ހަތަރު ޕަންޕިން ސްޓޭޝަން ގާއިމުކުރުމާއި އެއް ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތުގެ ޖުމުލަ އަގަކީ 86.05 މިލިއަން ރުފިޔާއެވެ.