ޚަބަރު

އެއްބަސްވުންތަކުން ރާއްޖެއަށް ވާނީ ފައިދާ، ސިޔާސީ ބޭނުމަކަށް އިންޑިއާއާ ޖައްސާލުން ގޯސް: އަސްލަމް

އިންޑިއާއެކު ވެފައިވާ އެއްބަސްވުންތަކުން ރާއްޖެއަށް ވާނީ ފައިދާ ކަމަށާއި ސިޔާސީ ބޭނުމަށް އިންޑިއާއާ ޖައްސާލައިގެން ތިބުމީ ރަނގަޅު ކަމެއް ނޫން ކަމަށް 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަސްލަމް ރޭ ވިދާޅުވީ އިންޑި އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އުތުރުތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމާއި ހައިޑްރޯ ގްރަފީއާ ގުޅޭ އެއްބަސްވުމުގެ އިތުރުން ޑޯނިއާ އަދި ހެލިކޮޕްޓަރު ދުއްވާ ޕައިލެޓުން ތަމްރީނު ކުރުމަށް ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ކުރާނީ ފައިދާ ކަމަށާއި މިހާރުވެސް ކުރަމުން އަންނަ ފައިދާ ހާމަވެގެންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް އިންޑިއާއިން ވަމުން އަންނަ އެހީތެރިކަމާއި ޑްރަގްގެ މައްސަލަތަކުގައި ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަކީ ފާހަގަކޮށްލެވޭ ކަންކަން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ފުރަތަމަ ރައީސް ޔާމީން އިންޑިއާއާއެކު ހެދި އެއްބަސްވުމުގައި އޮތީ މުޅި އުތުރު ތިލަފަޅު ތަރައްގީ ކުރަން. ވަރަށް ރަނގަޅު އެއްބަސްވުމެއް އެއީ. މިހާރު އޮތީ އުތުރު ތިލަފަޅު ސިފަވަރު ޑޮކްޔާޑަކާއި މަދު ފެސިލިޓީއެއް. ކަންބޮޑުވުންތަކެއް ހުރިކަންކަމެއް ނޫން. ރާއްޖޭގެ ގާނޫނު ނުހިނގާ އެއްވެސް ކަމެއް ކުރާކަށް ނެތް. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ ކަމެއް ނެތް. އެހެންވީމަ ރާއްޖޭގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ލިބޭ ހުއްދައިގެ ދަށުން ކުރެވޭ ކަމެއް ކުރެވޭނީ، މީހުން އައުމުގައިވެސް ދިއުމުގައިވެސް އޮތީ އެގޮތަށް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ ޒަމާނުއްސުރެ ވިޔަފާރި އާއި ބޭސްފަރުވާގެ އިތުރުން ތައުލީމުގެ ދާއިރާއިންވެސް އެތައް ގޮތަކުން ގުޅި ލާމެހިފައިވާ ބައެއް ކަމަށެވެ. އިންޑިއާ އަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އަބަދުވެސް އެހީތެރިވާ ގައުމެއް ކަމަށެވެ.

"ރާއްޖެއަށް ނުފޫޒެއް ފޯރުވައި އަޅުވެތިކުރުމުގެ އަމަލެއް މިވީތާކަށް ފެނިފައެއް ނެތް. އެހީތެރިވާ ގައުމެއްގެ ގޮތުގައި އިންޑިއާ ފެނިގެން މިދަނީ. އެއްބަސްވުންތަކުން އެއްވެސް މިންވަރަކަށް ރާއްޖެއަށް އެއްވެސް ބިރުވެރިކަމެއް ނެތް. ދިވެހިންނަށާއި ރާއްޖެއަށް ވާނީ ފައިދާ. އަޅުގަނޑުމެންނަށް ނުކުރެވޭ އެތައް ކަމެއް ފަހިވެގެން ކުރެވިގެން މިދަނީ،" އަސްލަމް ވިދާޅުވިއެވެ.

"އެއްވެސް ސަބަބެއް އަދި އެއްވެސް ކަމަކަށް ނުވާ ގޮތަށް ނުކުމެ އިންޑިއާ އައުޓްވާ އިރު އަޅުގަނޑަށް ހީވަނީ އޭގެ ނުރައްކާ ވެ، މާ ބޮޑުތަނުން އައުޓްވާން އޮތީ އަޅުގަނޑުމެންހެން. މިފަދަ އެހީތެރިކަމުން،"

އަސްލަމް އިތުރަށް ވިދާޅުވީ އެފަދަ ކަންކަމަކީ ސިޔާސީ ގޮތުން ކުރަން ހެޔޮވާ ވަރުގެ ކަންތައްތަކެއް ނޫން ކަމަށާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ބޮޑު މަދަދުވެރިކަމާއި ގާތް ކަމެއް ކަމަށެވެ. މިސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމި އޮންނާނީ އިންޑިއާއާއެކު ގާތް ގުޅުމެއް އޮވެގެން ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ ހުރިހާ ސަރުކާރު ހަމަ އެގުޅުން އެގޮތަށް ބާއްވާ. ކުރިއަށް އޮތްތަނުގައި މިސާލަކަށް ޕީޕީއެމް ސަރުކާރެއް ވެރިކަމުގައި އޮތަސް އެގުޅުން އެމިންވަރަށް ބާއްވާނެ ކަމަށް އުންމީދު ކުރަނީ. އަޅުގަނޑުމެން އިންޑިއާއާ އެގޮތަށް ސިޔާސީ ބޭނުމަކަށް ޖައްސާލައިގެން ތިބުމީ ރަނގަޅު ކަމެއް ކަމަކަށް ނުދެކެން،" އަސްލަމް ވިދާޅުވިއެވެ.

ޔޫޓީއެފް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ނުކުރާނެ ކަމަށް މަޖިލީހުގެ މިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އަދި އެ އެއްބަސްވުންތަކުގައި ބަޔާންކުރާ ކަންކަން ހާސިލު ކުރެވޭ މިންވަރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާ ހިއްސާކުރަމުން ގެންދިއުމަށްވެސް ވަނީ ފާސްކޮށްފައެވެ.