މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދު ދަމަހައްޓައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި އިއްޔެ ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި އެ ހާލަތު ބަދަލު ނުވާ ކަމަށް ނިންމައި ބަންދުން ދޫކޮށްލަން ނުޖެހޭ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ "ވަން" އަށް ބުނީ އިއްޔެ ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ޒިހާންއަށް ކުރާ ދައުވާތައް އިއްވާފައިވާ ކަމަށާއި އަދި އޭނާގެ މައްޗަށް ކުރާ ދައުވާތައް ސާފުވާ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
ދެން ކުރިއަށް ގެންގޮސްފައިވަނީ ހެކި ރައްކާތެރި ކުރުމާ ގުޅޭގޮތުންނެވެ. އެ އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ 17 އަހަރުގެ ކުއްޖާގެ އަޑުއެހުމެއް މިއަދު ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދުނީ އެކުއްޖާ ޖަަލު ބަންދަށް ބަދަލު ކުރުމަށް ކަމަށެވެ.
ނަމަވެސް ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފައިވާތީ، އެ ހާލަތު ބަދަލު ނުވާތީ އެކުއްޖާ ގޭ ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.
މި މައްސަލައިގައި ޒިހާނުގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް ދައުލަތުން ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަށް ވުރެ ގިނަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ. 17 އަހަރުގެ ކުއްޖާއަށް ކޮށްފައި ވަނީ ތިން ދައުވާއެކެވެ.
އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައެވެ.