އދ. ދަނގެތީގައި މަރާލުމަށްފަހު ފަޅުގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮތް މަހުމޫދު އަބޫބަކުރު (55އ)ގެ އަތުން ގެއްލިފައިވާ ތެކެތި ހޯދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މަހުމޫދުގެ މަރާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މަހުމޫދު އަތުން ގެއްލުނު ތަކެތީގެ ތެރޭގައި އޭނާގެ ފޯނާއި އަތުކުރީ ގަނޑި، އަދި ވޮލެޓުގެ އިތުރުން ފައިވާނު ހިމެނޭ ކަމަށެވެ.

މަހުމޫދުގެ ފޯނު ފުލުހުން ހޯދީ ސެޓްޓަވާ ޓްރެކިން އާއި ސެލްޓަވާ ޓްރެކިން މެދުވެރިކޮށެވެ. ޝިފާއު ވިދާޅުވީ މަހުމޫދުގެ ތަކެތި ހުރިތަން ސާލިމު ތަހުގީގަށް ކިޔައިދީފައިވާ ކަމަށާއި އެތަކެތި ހުރީ މަހުމޫދު މަރައިލި ނެދުންގޭގައި ވަޅުލާފައި ކަމަށެވެ.

މީގެ އިތުރުން މަހުމޫދު މަރާލިއިރު ސާލިމު ލައިގެން ހުރި އަންނައުނު ވެސް ފުލުހުން ވަނީ ހޯދައިފައެވެ. މަހުމޫދުގެ ވޮލެޓު ފުލުހުން ހޯދި އިރު، އެ ވޮލެޓުން ސާލިމު ނެގި 10،000 ރުފިޔާ ވެސް ފުލުހުން ވަނީ ނެދުންގެއިން ހޯދައިފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދަށް ސާލިމު ގުޅުމުން ނެދުންގެއަށް ދިޔަ ކަމަށެވެ.

ހަސަން ސައީދު ވިދާޅުވީ، ސާލިމު ގުޅައިގެން ދެއްކި ވާހަކަތަކުގެ ސަބަބުން މަހުމޫދު އެގެއަށް ދާން ޖެހޭ ސަބަބުތެއް އެބަހުރި ކަމަށާއި ނަމަވެސް އެއީ ޖިނާއީ ކުށެއްގެ ސަބަބުތަކެއް ނޫން ކަމަށެވެ. އަދި މަހުމޫދު އެގެއަށް ގޮސް ފަސް ގަޑިއިރު ވަންދެން ހުރި ކަމަށާއި، އެ ވަގުތުގައި މަހުމޫދާއި ސާލިމުގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށެވެ. ނަމަވެސް ކޯޓު މަރުހަލާއަށް ހުރަސް އެޅިދާނެތީ އެއީ ކޮން ކަމަކާ ގުޅިގެން ހިނގި ޒުވާބެއްކަން ހާމަކޮށްފައެއް ނުވެއެވެ.

އެ ޒުވާބު ހިނގި ވަގުތުގައި ނެދުންގެ ކޮޓަރީގައި އުމުރުން ދުވަސްވީ މީހަކު އޮތްކަމަށް ހަސަން ސައީދު ވިދާޅުވިއެވެ. އެއީ މަހުމޫދުގެ އާއިލާ މީހެކެވެ.

މީގެ އިތުރުން ހަސަން ސައީދު ވިދާޅުވީ، ސާލިމު ފައިސާ ބޭނުންވާކަން ފުލުހުންގެ ތަހުގީގަށް ހޯދުނު ކަމަށާއި، ބަންގުލަދޭޝްގައި ތިބި އޭނާގެ އާއިލާގެ ހާލަތުގެ މައުލޫމާތު ވެސް ހޯދި ކަމަށެވެ.

ހަސަން ސައީދު ވިދާޅުވީ، މަހުމޫދު މަރާލަން ޖެހުނު ސަބަބު ސާލިމު ވަނީ ތަހުގީގަށާއި ބަންދު މުރާޖައާކުރަން ކޯޓަށް ގެންދިއުމުން ކިޔައިދީފައި ކަމަށާއި މަހުމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށެވެ. އަދި މަހުމޫދު ފައިސާ ގެންގުޅޭތަން ސާލިމަށް ފެންނާނެ ކަމަށާއި ސާލިމު ހީކުރީ މަހުމޫދަށް ގުޅައިގެން ނެދުންގެއަށް ގެންދިޔައިރު ވެސް ފައިސާ ހުންނާނެ ކަމަށެވެ.