ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހިންގާ ސަރަހައްދުތަކެއްގެ ގޮތުގައި ސަރުކާރުން އައްޑޫ ސިޓީ ހަންކެޑަ ސަރަހައްދާއި ކ. ގާފަރުފަޅު ކަނޑައަޅައިފިއެވެ.
ސަރުކާރުގެ ޓުއަރިޒަމް ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ހިންގާ ސަރަހައްދުގެ ގޮތުގައި މި ދެ ސަރަހައްދު ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ފަތުރުވެރިކަމުން ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓް ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކުރަން ނިންމާފައިވާ އެއް މަސައްކަތަކީ ރިއަލް އެސްޓޭޓް ޓޫރިޒަމެވެ. ދައުލަތަށް އާމްދަނީ ހޯދަން މިއަހަރު އަލަށް ފަށާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް ކަމަކީވެސް އެއީއެވެ.
ރައީސް ސޯލިހު މިއަދު ނެރުއްވި ގަރާރުގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިސޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީ ކުރުމަށާއި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތައް ތަރައްގީ ކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓު ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ އެމަނިކުފާނު ކަމުގައި ވަނީ ބަޔާން ކޮށްފައެވެ.
ރައީސްގެ ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގާ ރަށް ނުވަތަ ފަޅު ނުވަތަ ބިން ހިމެނޭ ސަރަހައްދަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމުގައިވުން ލާޒިމުކޮށްފައި ކަމަށެވެ.
އޭގެ އިތުރުން ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި އެރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށްވެސް މި ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
ރިިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ އާއި ގާފަރުފަޅު ކަނޑައަޅާފައިވާ އިރު، ސަރުކާރުން ވަނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަތަރު ރަށެއް ދޫކޮށްގެން 231 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު