އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު އެ ރަށު މޮނަލާޒް، 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ތުހުމަތުކުރެވޭ އަލޮމް މިއާ (ސާލިމު)ގެ ކުށުގެ ރެކޯޑު އިންޓަޕޯލް މެދުވެރިކޮށް ބެލުމަށް މަސައްކަތް ކުރަމުން އަންނަ ފުލުހުން ބުނެފިއެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ މަހުމޫދު މަރާލި ކަމަށް ސާލިމު އެއްބަސްވެފައިވާ ކަމަށާއި މަހުމޫދަށް ވަޅިން ހަމަލާދިނުމުގެ ކުރިން ސާލިމާއި މަހުމޫދުގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށެވެ. އަދި މަހުމޫދުގެ ހަށިގަނޑުގެ 30 ތަނަކަށް ސާލިމު ވަޅިން ހަމަލާދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަހުމޫދު މަރާލާފައިވަނީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށާއި ސާލިމު ފައިސާ ބޭނުންވެގެން އުޅޭކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި ބަންގުލަދޭޝްގައި ތިބި ސާލިމުގެ އާއިލާ މީހުންގެ ހާލަތު ވެސް ބަލާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެކަން ބެލުމަށްފަހު އިންޓަޕޯލް މެދުވެރިކޮށް ސާލިމުގެ ކުށުގެ ރެކޯޑު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެހެނިހެން ގޮތްގޮތުން ސާލިމު ބަންގުލަދޭޝްގައި އުޅުނު ގޮތުގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.
ހަސަން ސައީދު ވިދާޅުވީ މަހުމޫދު ނެދުންގެއަށް ދިޔައީ ސާލިމު ގުޅުމުން ކަމަށެވެ. މަހުމޫދު އެގެއަށް ގޮސް ފަސް ގަޑިއިރު ވަންދެން ހުރި ކަމަށާއި، އެ ވަގުތުގައި މަހުމޫދާއި ސާލިމުގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށެވެ. ނަމަވެސް ކޯޓު މަރުހަލާއަށް ހުރަސް އެޅިދާނެތީ އެއީ ކޮން ކަމަކާ ގުޅިގެން ހިނގި ޒުވާބެއްކަން ހާމަކޮށްފައެއް ނުވެއެވެ.
މަހުމޫދު މަރާލުމަށް ހަމަލާ ދިނުމުގެ ކުރިން "ޓޯޗާ" ކުރުމުގެ ގޮތުން އަނިޔާކުރި ކަމަށާއި އެފަހުން މަރާލަން ހަމާލާދިން ކަމަށެވެ. އެ ހަމަލާއިން ވެސް މަރު ނުވުމުން އިތުރު ހަމަލާތަކެއް ދިން ކަމަށް ހަސަން ސައީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު