ކުޅިވަރު

އަންހެން ފުޓުބޯޅައިގެ ފުރަތަމަ މުބާރާތް ނައިފަރުގައި: ދެން ބާއްވާނީ ލާމު، ފުވައްމުލަކު އަދި ކުޅުދުއްފުށީގައި

މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއޭއެމް އިން ބާއްވަން ތައްޔާރުވަމުން އަންނަ އަންހެން ފުޓްބޯޅަ މުބާރާތުގެ ފޯމެޓް އިއުލާނު ކޮށްފިއެވެ.

މި ސީޒަނުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އަންހެން ފުޓްބޯޅަ މުބާރާތް ކުޅޭ ގޮތަށް އެފްއޭއެމް އިން ހަމަޖައްސާފައި ވަނީ އޮތޮޅު ތެރޭގެ ސަރަހައްދުތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބައި ޅ. ނައިފަރުގައި މި މަހު ކުރިއަށް ގެންދަން އެފްއޭއެމުން ނިންމައިފައިވާ އިރު، ދެން މުބާރާތް ބާއްވާނީ ލ. އަތޮޅާއި ފުވައްމުލައް ސިޓީ އަދި ހދ. ކުޅުދުއްފުށީ ސިޓީގައެވެ.

އޭގެ އިތުރުން ދެން މާލޭގައި ކޮލިފިކޭޝަން ބުރެއް ކުޅެން އެފްއޭއެމް އިން ނިންމާފައިވެއެވެ. ކޮލިފިކޭޝަންތައް ނިމުމުން މި ފަސް ބައިގެ ޗެމްޕިއަނުން މާލޭގައި ފައިނަލް ބުރެއް ކުޅުމަށް ފަހު ރާއްޖޭގެ އަންހެން ޗެމްޕިއަނުން ހޮވާ ގޮތަށް ވަނީ ނިންމައިފައެވެ. މި މުބާރާތްތައް ކުރިއަށް ގެންދާނީ އިންވިޓޭޝަނަލް މުބާރާތްތަކެއްގެ ގޮތުގައެވެ.

އެފްއޭއެމުން އިއްޔެ ގަލޮޅު ދަނޑުގައި ވަނީ ނައިފަރުގައި ބާއްވާ އިންވިޓޭޝަން ކަޕްގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައެވެ. ނައިފަރުގައި ކުޅޭ މުބާރާތުގައި ހަ ޓީމެއް ވާދަ ކުރާނެއެވެ. އެއީ ހިންނަވަރު އެފްސީ، ކުރެންދޫ އެފްސީ، އެޕެކްސް ސްޕޯޓްސް ކްލަބް، ޑޮޓްކޮމް ސްޕޯޓްސް ކްލަބް، އައިޑިއަލް މޫވްމަންޓް އަދި ބަޒޫކާ ސްޕޯޓްސް ކްލަބް އެވެ.

މި މަހު 25 އިން ޖެނުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތުގެ މެޗުތައް ކުޅޭނީ ނައިފަރު ޓާފް ދަނޑުގައެވެ.

ފުރަތަމަ ޑިވިޝަން ކްލަބްތައް ބައިވެރިވެގެން އެންމެ ފަހުން އަންހެން ފުޓްބޯޅަ މުބާރާތެއް ކުޅުނީ 2014 ވަނަ އަހަރު އެވެ. ގައުމީ އަންހެން ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ބަލާއިރު، އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ ލޯކަލް ލީގެއް، ނޫނީ އަންހެން ފުޓުބޯޅައިގެ ސިސްޓަމެއް ނެތުމެވެ. މިއަހަރު ކުރިން އެފްއޭއެމް އިން ހާމަކޮށްފައި ވަނީ އަންހެން ފުޓުބޯޅައަށް އެ އިދާރާއިން މިހާރު ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.