ކުޅިވަރު

ސަޕޯޓަރުންނަށް އެވޯޑުތައް ދައްކާލި މެޗުގައި ޕީއެސްޖީއަށް ޕޮއިންޓެއް

ފްރާންސް ލީގުގައި ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ނީސްއާ އެއްވަރު ވެގެން ނިމިއްޖެއެވެ.

ރޭގެ މެޗު ގޯލެއް ނުޖެހި އެއްވަރު ވެގެން ނިމުމާއެކު ޕީއެސްޖީގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ އަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފައެވެ. 16 މެޗުން 41 ޕޮއިންޓް ހޯދައި، 10 ޕޮއިންޓްގެ ލީޑެއްގައި ޕީއެސްޖީ އޮތް ނަމަވެސް ކްލަބުން ޕޮޗެޓީނޯ އަށް އިތުރަށް ވަގުތު ދޭނެ ކަމާމެދު މިހާރުވެސް މީޑިއާތަކުން އަންނަނީ ވާހަކަތައް ފަތުރަމުންނެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ދަށްކޮށް ފެނުން އެއީ އެކަމުގެ ސަބަބެކެވެ.

މި ހަފުތާ ތެރޭގައި އިއުލާނުކުރި ފްރާންސް ފުޓުބޯޅަ މެގަޒިންގެ އެންމެ ޝަރަފުވެރި އެވޯޑު ބެލޮންޑިއޯ ހޯދި ލިއޮނަލް މެސީ އާއި، އެ ހަފުލާގައި ހޮވި އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ ޖިއާންލުއީޖީ ޑޮނަރޫމާ ރޭގެ މެޗުގެ ކުރިން ސަޕޯޓަރުންނަށް އެވޯޑުތައް ދައްކާލައިފައިވެއެވެ.

މެޗު މާޔޫސްކޮށް ނިމިގެން ދިޔަ އިރު، މެސީގެ އިތުރުން އެމްބާޕޭގެ ހަމަލާތައް މެޗުގައި ބޭކާރުވެގެން ދިޔައެވެ. މެޗަށްފަހު ދެ ކުޅުންތެރިންވެސް ވަރަށް ބޮޑަށް މާޔޫސްކޮށް ފެނުނު އިރު، ރޭގެ މެޗުގައި ނޭމާ ނެތްތަން ފޫބައްދަން ނުކުތީ އެންހޭލް ޑިމަރިއާ އެވެ.

މިދިޔަ ހަފުތާ ތެރޭ ޕީއެސްޖީން ކުޅުނު މެޗުގައި ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާ ލިބިފައިވާ އިރު، ޕީއެސްޖީން ބުނެފައި ވަނީ ނޭމާއަށް އަނބުރާ ދަނޑު މައްޗަށް ނުކުމެވޭނީ 8 ހަފްތާ ފަހުން ކަމަށެވެ.