Close
ގައުމީ ވޮލީބޯޅަ ޓީމު

ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ވޮލީ ޓީމުން ލަންކާއާ ދެކޮޅަށް ތިން މެޗެއް

ބަންގުލަދޭޝްގައި މި މަހު ބާއްވާ ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ސީނިއާ ވޮލީ ޓީމުން ސްރީލަންކާގެ ގައުމީ ވޮލީ ޓީމާ ދެކޮޅަށް ރާއްޖޭގައި ތިން މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ވޮލީ ޓީމަށް ހޯދި ފުރުސަތަކީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް، މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކޮށް ހޯއްދަވައިދެއްވި ފުރުސަތެކެވެ.

މެޗުތަކަށް މިމަހުގެ އަށްވަަނަ ދުވަހު ލަންކާ ޓީމު ރާއްޖެ އަންނާނެއެވެ. މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މި މަހު ނުވައަކާއި 10 އަދި 12 ވަނަ ދުވަހުއެވެ. ލަންކާއަކީ ވޮލީގައި ރާއްޖެއަށްވުރެ ކުރީގައި އޮތް ގައުމެކެވެ. ސަރަހައްދީ ވޮލީގައި ލަންކާ ފާހަގަކޮށްލެވޭ އިރު، އެގައުމާ ދެކޮޅަށް ގައުމީ ވޮލީ ޓީމުން ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު މާލޭގައި ތިން މެޗެއް ކުޅެފައެވެ. ތިން މެޗުންވެސް ގައުމީ ޓީމު ވީ ބައްޔެވެ.

މީގެ ކުރިން 2015 ވަނަ އަހަރު އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް، އަދި 2016 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއަށް ލޯ މެޑަލް ލިބިފައިވެއެވެ. އަދިވެސް އެ މުބާރާތުން ރާއްޖެއަށް މެޑަލްއަކަށް މަސައްކަތް ކުރަމުން އަންނަ އިރު، އެންމެ ބޮޑު އެއް ޗެލެންޖަކީ ތައްޔާރީތަކަށް އޮތް ވަގުތެވެ. އޭގެ އިތުރުން ދެން އޮތީ ޓީމުތައް އިތުރުވުމުން އައި ޗެލެންޖެވެ. މިފަހަރު މި ޒޯންގައި ކުރިން ވާދަނުކުރާ ދެޓީމު ކަމަށްވާ ސްރީ ލަންކާއާއި ކަޒަކިސްތާނު ވާދަކުރާނެއެވެ.

ކޮވިޑުގެ ކުރިން ސެންޓްރަލް ޒޯންގެ މުބާރާތް ބާއްވަން ގަސްދުކޮށްފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ދެ ކެޓަގަރީއަކަށް ބަހާލި އިރު، އެފަހަރު ރާއްޖެ ލައްވާލީ ބީ ކެޓަގަރީގައެވެ. މި ސަރަހައްދުގެ ޓީމުތައް ބީ ކެޓަގަރީގައި އެފަހަރު ކުޅެން ނިންމީ ސައުތު އޭޝިއަން ޗެލެންޖު ކަޕެވެ. އޭގެ އިތުރުން އަނެއް ކެޓަގަރީގައި ކުޅެން ނިންމީ ސެންޓްރަލް އޭޝިއަން ޗެލެންޖު ކަޕެވެ. އޭރު އޮތް ގޮތުން ކޮންމެ ކެޓަގަރީއަކުން އޭވީސީ މުބާރާތަށް ދާ ގޮތަށް އޮތީ ތިން ޓީމެކެވެ. އެހެން ނަމަވެސް އެ ދެ މުބާރާތްވެސް ކޮވިޑް 19ގެ ސަބަބުން ކެންސަލްވެގެން ގޮސް، މިހާރު ނިންމާފައި ވަނީ ސެންޓްރަލް ޒޯންގެ އެއް މުބާރާތް ބޭއްވުމަށެވެ.