ކުޑަކުދިންގެ ހިޔާތަކުގައި އުޅޭ 21 މުވައްޒަފުންނަށް ނޯޓިސް ދީފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އޮނިގަނޑުގެ ތެރެއިން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، އެ ކޮމިޝަނުން ނިންމި ނިންމުމެއްގެ ދަށުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ މުވައްޒަފުންނަށް ނޯޓިސް ދިން މައްސަލައިގައި އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ރިޒްނާ ޒަރީރު "ވަން"އަށް މިއަދު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން ރަށްރަށުގެ އަމާން ވެށިތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، މުވައްޒަފުންނާ ބައްދަލުކުރައްވައި މިނިސްޓްރީގެ އެހެން ތަންތަނުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ދިން ކަމަށް ވިދާޅުވިއެވެ.

"ހިޔާ ހުސްކުރަންވެގެން ހިޔާގައިި ތިބި ކުދިން މިވަނީ އަމާން ވެށިތަކަށް ބަދަލުކޮށްފައި. އޭރުއްސުރެ މުވައްޒަފުންނާ ޕީއެސް ބައްދަލުކުރައްވައި، ފުރުސަތު ދެއްވި، މިނިސްޓްރީގެ އެކި ދިމަދިމާލުގައި ހުރި ތަންތަނުގައި މަަސައްކަތް ކުރުމުގެ ފުރުސަތު،" ރިޒްނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިޔާގައި 71 މުވައްޒަފުން ތިބި އިރު، އޭގެ ތެރެއިން ތިން މުވައްޒަފަކު މިނިސްޓްރީގެ އެހެން ތަންތަނުގައި މަސައްކަތްކުރުމަށް އޭރު އެއްބަސްވި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިހާރު ޖުމުލަ 43 މުވައްޒަފުން މިނިސްޓްރީގެ އެކި ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހަތް މުވައްޒަފަކު އަމިއްލަގޮތުން ވަކިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީފާއިން ވަކިކުރަން ނޯޓިސް ދިން 21 މީހުންނަކީ ސީއެސްސީއާ ވާހަކަދައްކައިގެން އިންޓާނަލީ ފުރުސަތުތަކެއް ދިނުމަށްފަހު، "ސިވިލް ސާވިސް އިން ބަލަން ޖެހޭ، ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެެރެއިން އެ ބޭފުޅުން ނިންމެވި ނިންމެވުމެއް. އެބޭފުޅުން އަޅުގަނޑުމެންނަށް އެ ލިސްޓު ފޮނުވާފައިވަނީ،" ރިޒްނާ ވިދާޅުވިއެވެ.