ޚަބަރު

ޒުވާނުން ތަމްރީނުކުރުމަށް އެމްޑަބްލިޔުއެސްސީން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް

މުހައްމަދު އިޝާން

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ޒުވާނުން މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ހާއްސަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

މިއަދު އެމްޑަބްލިޔުއެސްސީން ވަނީ ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވެފައެވެ. އަދި އެކަމާ ގުޅޭ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.

އެމްއޯޔޫގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެ ކުންފުނިން ފުރަތަމަ ދެ ބެޗެއްގައި ޒުވާނުން ތަމްރީނު ކުރާނެ ކަމަށާއި އެގޮތުން އެ ދެ ބެޗުގައި ޖުމުލަ 17 ދާއިރާއަކުން 73 ޒުވާނުން ތަމްރީނު ކުރާނެ ކަމަށެވެ. އަދި މިވަގުތު އެ ކުންފުނީގައި މަސައްކަތްކުރާ 15 މުވައްޒަފެއް ވެސް ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށާއި ކޮންމެ ބެޗެއްގެ ބައިވެރިންނަށް ވެސް ހަ މަސްދުވަހުގެ ތަމްރީނު ދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްތަކަށް ފެތޭ ގޮތަށެވެ. ޒުވާނުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާފައިވާ ދާއިރާއަކާ ގުޅޭގޮތުން އަމަލީ ތަޖުރިބާ ވެސް ދީގެންނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އުންމީދަކީ އެ ޕްރޮގްރާމުގެ ތެރެއިން ވަޒީފާގެ ބާޒާރަށް ހުނަރުވެރި ޒުވާނުންތަކެއް އުފެދުން ކަމަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމު ނިންމާ ޒުވާނުންނަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ.