ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކުރަން ކްރިމިނަލް ކޯޓުގައި ފުލުހުން އެދުނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ގޮތަށް އެންގުމުން ކަމަށް އެ އޮފީހުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޔާމީނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް ބާތިލު ކޮށްފައެވެ. އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ރައީސް ޔާމީން ފުރުން މަނާ ކުރުމަށް ޓަކައި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

މިއަދު ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން އެދުނީ އެ ގޮތަށް ޕީޖީން އެންގުމުން ކަމަށެވެ. ފުލުހުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރެދީފައެވެ. ޕާސްޕޯޓު ހިފަހައްޓާފައިވަނީ ހަތް ދުވަހަށެވެ.

ޝަފީއު ވިދާޅުވީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދެވޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އަދި ވިދާޅުވީ ޔާމީން ފުރުން މަނާކުރީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލައެއްގައި ކަމަށެވެ.

ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް ޔާމީނު، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދި ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ދައުލަތުން ވަނީ މިދިޔަ ޖޫން 28 ވަނަ ދުވަހު މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފައެވެ.

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ އަދި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ޕީޖީ އޮފީހުން އަމަލުކުރާ އެސްއޯޕީގައި އޮންނަ ގޮތެއް ކަމަށާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ އިތުރުން ތުހުމަތުކުރެވޭ އިތުރު މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށް ޕީޖީން ބުނެ އެވެ.