ޚަބަރު

އަލީ ވަހީދު ގެންނަން އަސްހަދަށް ދިން 72 ގަޑިއިރު ހަމަވެއްޖެ، ކޯޓުން ބުނީ ފިޔަވަޅު އަޅާނަމަ ތާވަލު ކުރާނެކަމަށް

މުހައްމަދު އިޝާން

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލައިފައިވާ އަލީ ވަހީދުގެ ރާއްޖެ ގެންނަން އަސްހަދު އަލީ (އަޑުބަރޭ) ދިން 72 ގަޑިއިރު މުއްދަތު ހަމަވެއްޖެއެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމަށް އަސްހަދު ވެސް ވަނީ ހާޒިރުކޮށްފައެވެ.

ޖިންސީ ފުރައްސަރާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ކޮށްފައެވެ. އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށްބުނެ އިނގިރޭސިވިލާތަށް ގޮސްފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ އަސްހަދު ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަސްހަދު އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.

ނަމަވެސް ހަތަރު މަސް ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެެއް ނުވެއެވެ. އަދި ކޯޓަށް ވެސް ހާޒިރުނުވެއެވެ. އެހެންވެ އަލީ ވަހީދުގެ މައްސަލަ ބައްލަވާ ގާޒީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ވިދާޅުވެފައިވަނީ، އަލީ ވަހީދު ރާއްޖެއިން ފުރުމުގެ ހުއްދަ ދިނީ އަސްހަދު ޖާމިނުވުމުން ކަމަށެވެ. އެހެންކަމުން 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ނުކޮށްފިނަމަ އަސްހަދަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދު ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ "ވަން" އަށް ވިދާޅުވީ ކޯޓުން އަޑުބަރޭއަށް ފިޔަވަޅު އަޅާނަމަ އެކަން ކުރީބައިގައި ޝެޑިއުލްކޮށް އާއްމުކުރާނެ ކަމަށެވެ. އަޑުބަރޭއަށް ފިޔަވަޅު އަޅާނެ ކަމަށް ގާޒީ ވިދާޅުވީ ކަމަށާއި އެއީ ހުކުމެއް ނޫން ކަމަށާއި އެހެންކަމުން އެ މައްސަލައިގެ ކަންކުރަންވީ ގޮތް އެނގިވަޑައިގަންނަވާނީ ވެސް ގާޒީއަށް ކަމަށެވެ. އަޑުބަރޭއަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައިވަނީ ގާޒީ ހަސަން ސައީދުއެވެ.

"ކޯޓުން ފިޔަވަޅެއް އަޅާނަމަ އެކަން ތިބޭފުޅުންނަށް (ނޫސްވެރިން) ނޭނގޭނެހެން ނުކުރާނަން، މިހާރު ވެސް އޮންނަ ގޮތަށް އެކަމަށް އަޑުއެހުމެއް ބޭއްވުމަށްފަހު ފިޔަވަޅެއް އަޅާނީ، ކުރީބައިގައި ޝެޑިއުލް ކުރާނެ، އަސްހަދުއަށް ފިޔަވަޅު އަޅާނެކަން ނިންމާނީ ގާޒީ، ގާޒީ ހިތުތެރޭގައި އޮންނަ އެއްޗެއް އަޅުގަނޑަކަށް ނުބުނެވޭނެ." ރަޖިސްޓްރާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ނިންމީ އަލީ ވަހީދުގެ އަޑުއެހުން އޮންލައިންކޮށް ބޭއްވުމަށެވެ. އެއީ އަލީ ވަހީދު އެގޮތަށް އެދިވަޑައިގަތުމުންނެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓަށް ހުށަހެޅިއެވެ. ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތުމުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައާ ގުޅިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ވާން ޗިޓު ފޮނުވިއެވެ. ޗިޓު ލިބިފައިވަނިކޮށް ވެސް މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވުމުން އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަލައި ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.