ޚަބަރު

ސީލައިފަށް ފައިސާ ދެއްކި މީހުންނަށް "ވިނަރެސް" އިން ފްލެޓް ގަތުމަށް އިތުރު ފުރުސަތެއް

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" އިން ފްލެޓް ގަތުމަށް ރަޖިސްޓްރީ ވުމަށް އިތުރު ފުރުސަތެއް ދީފިއެވެ.

ސީލައިފުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކާ އެކު ހަދާފައިވާ ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން އެކުންފުންޏަށް ފައިސާ ދެއްކި މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށަހަޅައި، އެ ފައިސާ ރީފަންޑު ކޮށްދީފައިވާ މީހުންނަށް، "ވިނަރެސް" ހައުސިން މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ދިނުމަށް ނިންމައި، އެކަމަށް ރަޖިސްޓްރީ ވާން ހުޅުވާލީ މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެޗްޑީސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ރަޖިސްޓްރީ ވުމަށް ދިން މުއްދަތުގައި ރަޖިސްޓްރީ ނުކުރެވުމުގެ ޝަކުވާ ގިނަ މީހުންގެ ފަރާތުން ލިބެމުންދާތީ، ކުރިން ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ނުކުރެވުނު މީހުންނަށް އެ ފުރުސަތު އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، ސީލައިފަށް ފްލެޓު ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ނުކުރެވުނު މީހުންނަށް، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާ ކަމަށް ބުންޏެވެ.

ރަޖިސްޓްރީ ކުރަން ޖެހެނީ އޮންލައިންކްށް، ވެބްސައިޓެއް މެދުވެރިކޮށެވެ.

އެޗްޑީސީން ބުނީ، ފައިސާ ރީފަންޑު ކޮށްދީފައިވާ މީހުންގެ އިތުރުން، އެހެން ފަރާތްތަކުން ސީލައިފްގެ ފްލެޓު ގަތުމަށް ފައިސާ ދައްކާފައިވާ ނަމަ، ފައިސާ ދެއްކިކަން ސާބިތުކޮށް ދޭ ލިޔުން [email protected] އަށް އީމެއިލް ކުރުމަށްފަހު ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.

ސީލައިފަށް ހުޅުމާލޭގައި 3000 ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއެއް 2014 ވަނަ އަހަރު ތެރޭ ހަވާލު ކުރި އިރު، މި ހައުސިން ޔުނިޓުތައް ގަތުމަށް 200 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބުކިން ފީ އަދި ޑައުންޕޭމަންޓް ވެސް ދައްކައިފައެވެ.

ނަމަވެސް ފައިސާ ނެގުމަށް ފަހު އެ ކުންފުނިން ވަނީ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލައިފައެވެ. އަދި ފައިސާ ނެގި ފަރާތްތަކަށް ބަދަލު ދީފައެއްވެސް ނުވެއެވެ. އެ މައްސަލައިގައި ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ބޭރުން މައްސަލަ ނިންމައި އެޗްޑީސީން ވަނީ އެމީހުންނަށް ބަދަލުދީފައެވެ.