ޚަބަރު

ބަންދުގައި ބަހައްޓައިގެން އަލީ ވަހީދު ކޯޓަށް ހާޒިރުކުރަން އަމުރު ނެރެފި

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެފިއެވެ.

ޖިންސީ ގޯނާގެ ތަފާތު ހަތް މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް، ގެރެންޓީއެއްގެ ގޮތުގައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ކޯޓުގައި ޖާމިނުކޮށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވިގޮތަށް އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ފުލުހުން މިއަދު ބުނީ އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން އިއްޔެ ނެރެދީފައިވާ ކަމަށެވެ. އެހެންވެ އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޯޓުތަކުން އެންގުމުންވެސް އަލީ ވަހީދު ޝަރީއަތަށް ހާޒިރު ވެފައި ނުވާ މައްސަލައިގައި ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އޭނާ ބަންދު ކުރުމުގެ އަމުރެއް ނެރެދެއްވާނެ ކަމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުމުގައި ވިދާޅުވެފައެވެ.

ގާޒީ ވިދާޅުވީ، އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް އަލީ ވަހީދު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނީ އޭނާ ކޯޓަށް ހުށަހެޅި ލިޔެކިޔުންތައް، ދައުލަތުން ކަށަވަރުކުރުމަށްފަހު ކަމަށެވެ. އަދި އެ ލިޔެކިޔުންތައް އިތުރަށް ކަށަވަރުކުރުމަށް ޝަރީއަތަށް ހާޒިރު ކުރި ޑޮކްޓަރުވެސް، އަލީ ވަހީދުގެ މައިބަދައިގެ ޑިސްކު އޮޕަރޭޝަން ކުރަން ޖެހޭ ކަމަށާއި ރާއްޖޭން ބޭރުން އެ އޮޕަރޭޝަން ކުރުމަށް ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އަލީ ވަހީދަށް ފުރުމުގެ ހުއްދަ ދިނީ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

ބޭސް ފަރުވާއަށް އަލީ ވަހީދަށް ދިން ހަތަރު މަސްދުވަހުގެ މުއްދަތު ހަމަވުމުން، އިތުރު ލިޔުންތައް ހުށަހަޅައި އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށް އެދުމުން އެ އިންތިޒާމުތައް ކޯޓުން ހަމަޖައްސައިދިން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް ދެ އަޑުއެހުމެއް ބޭއްވުމުން، އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތްތައް ނުގެންދަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ޝަރީއަތްތައް އެގޮތަށް ބޭއްވުން ހުއްޓާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ފަހުން ކްރިމިނަލް ކޯޓަށް ހާޒިރުވުމަށާއި ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަން ގާޒީ ފާހަގަކުރެއްވިއެވެ.

ގާޒީ ވިދާޅުވީ، އަލީ ވަހީދު ކޯޓުތަކަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި، އެކަމާ މެދު ކަމެއް ނުކުރެވި މައްސަލަތައް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބުވެ، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި، ރާއްޖޭގައި ގާނޫނީ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ޝަރީއަތަށް އެއްބާރުލުން ނުދީ ކޯޓަށް ހާޒިރު ނުވެ އަލީ ވަހީދު އުޅުމަކީ އެކަމާމެދު ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ބޭސް ފަރުވާކުރަން ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި އަލީ ވަހީދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް އަމުރުކުރުމުން، އެ އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނައިރު، ރެޑް ނޯޓިސް ނެރުނަސް އަލީ ވަހީދު ރާއްޖެ ގެނެވެން ނެތް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ސީޕީ ހަމީދު ވިދާޅުވީ ރެޑް ނޯޓިސް ނެރުނު ނަމަވެސް އަލީ ވަހީދު ރާއްޖެ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެއީ އެކި ގައުމުތަކުގައި ރެޑް ނޯޓިސްއަށް އަމަލުކުރާ ގޮތް ތަފާތުވުމުން ކަމަށެވެ.