ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމު ތަރައްގީކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން ދެ މިނީ ބަސް ގެނައުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދުއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާއިޝަތު ނަހުލާއެވެ.
އެ އެއްބަސްވުމަކީ ރާއްޖެއަށް ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް ތައާރަފުކޮށް، ރާއްޖޭގައި އިލެކްޓްރިކް މޮބިލިޓީ ކުރިއެރުވުމުގެ މަސައްކަތްކުރުމަށްޓަކައި، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެ އެއްބަސްވުމުގެ ދަށުން މާލޭ ސަރަހައްދުގައި ބޭނުންކުރުމަށް ތިމާވެއްޓާ ރައްޓެހި ދެ މިނީ ބަސް ގަތުމަށާއި، އެއް ޗާޖިން ސްޓޭޝަން ގަތުމަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ އިތުރުން މާލޭ ސަރަހައްދަށް ބޭނުންވާ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓާ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އެކަމުގެ ސަބަބުން ޑީސަލްއަށް ބަރޯސާވާ މިންވަރު ކުޑަވެ، ޖައްވަށް ބޭރުވާ ވިހަ ގޭސްތަކުގެ މިންވަރުވެސް ކުޑަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރެއެވެ.
އެއްބަސްވުމުގެ ދަށުން ތިމާވެއްޓާ ރައްޓެހި ދެ މިނީ ބަސް ގަތުމަށް ހަމަޖެހިފައިވާ އިރު، ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ބަސްތައް ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވަނީ ވިދާޅުވެފައެވެ. އެ ހިދުމަތް ނުފެށި ލަސްވެފައިވަނީ ކޮވިޑާ ގުޅިގެން ބަޖެޓަށް އައި ދަތިކަމުގެ ސަބަބުން އެކަމަށް ބޭނުންވާ ބަޖެޓު ނުލިބުމުންކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމަކީ ރާއްޖެ ކަމަށާއި އެގޮތުން މިހާރު އަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯ ޓާގެޓަށް ދިއުމަށް ކަމަށެވެ. އެހެންކަމުން އެކަމަށް މަސައްކަތްކުރަމުން އަންނަ އިރު، ދަތުރުފަތުރު ކުރުމުގެ ނިޒާމާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު