ލުއި ރިޕޯޓް

ލިއޮނެލް މެސީގެ ބެލޮންޑިއޯގެ ޒުވާބު ނިމުމަކަށް ގެނުވީ "ދިވެހި މެސީ" މިނިވަންވި ހުކުމުން!

ސޯޝަލް މީޑިއާއަކީވެސް މަޖާ ކަމެކެވެ. ހަމަ ކުއްލިއަކަށް އޮއިވަރުގައި ޖެހޭ އެއްޗެކެވެ. ޖަޒުބާތުގައިވެސް ޖެހޭ އެއްޗެކެވެ. މައުޟޫއު ބަދަލުކޮށްލަން ސިކުންތުކޮޅެއްވެސް ނަގައިފާނެއެވެ. ދައްކަން ފެށި ވާހަކައެއް ދިގުލާނީވެސް މަދު ދުވަސް ކޮޅަކަށެވެ. ހަނދާން ނެތިފައި ހުރި ވާހަކައެއް ނަގައިގެން، އެ ވާހަކަ ތަކުރާރުކޮށް ދައްކާ ވާހަކައެއްވެސް އޮވެދާނެއެވެ. ދިވެހި ސޯޝަލް މީޑިއާ އެކަންޏެއް ނޫނެވެ. އެއީ ދުނިޔޭގެވެސް ސޯޝަލް މީޑިއާއެވެ. މިއީ އެނބުރޭ ވަހުތާނެއް ކަހަލަ އެއްޗެކެވެ.

ރޭ މެންދަމު 1:00 އިން ފެށިގެން މިއަދު ހެނދުނު ނުވައެއް ދިހައެއް ޖަހަންދެން ސޯޝަލް މީޑިއާގައި ދިވެހިން ފޯރިއާއެކު ދައްކަމުންދިޔައީ ރޭ ޕެރިހުގައި އޮތް ބެލޮންޑިއޯ އިވެންޓުގެ ވާހަކައެކެވެ. ލިއޮނަލް މެސީ ރެކޯޑު ހަތްވަނަ ފަހަރަށް ހޯދި ބެލޮންޑިއޯގައިވެސް ހިޔާލު ތަފާތެވެ. ކުރުކޮށް ބުނަންޏާ ފަތިހަކަށްވެސް ނުބަލައި ފުޓުބޯޅައިގެ ދިވެހީން ދިޔައީ ބެލޮންޑިއޯ ކަންތަކުގައި ޒުވާބު ކުރަމުންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ހަވަނައަށް ދިޔަ ދިޔުން ގޯސްވި ބަޔަކު އުޅެއެވެ. މެސީއާއި ރޮބާޓް ލެވަންޑޯސްކީގެ ވާހަކަ ދެއްކި ބަޔަކުވެސް އުޅުނެވެ. މެސީއަށް އަނެއްކާވެސް ނުހައްގުން ބެލޮންޑިއޯއެއް ދިން ކަމަށް ބުނާ މީހުންވެސް އުޅުނެވެ.

ކޮންމެއަކަސް ހެނދުނު ފޭސްބުކް ހުޅުވާލައި، މިއަދު ޝެއާކުރަމުން ދިޔައީ ހަމަ ބެލޮންޑިއޯގެ ޕޯސްޓުތަކެވެ. ކުރަމުން ދިޔަ ކޮމެންޓުތަކަކީ މެސީގެ ސްޓެޓިސްޓިކްސްތަކާއި، ލެވަންޑޯސްކީގެ ސްޓެޓިސްޓިކްސްތައް އަޅައި ކިޔުމުގެ ކޮމެންޓްތަކެވެ. އޭގެ ތެރެއިން ފްރާންސް ފުޓުބޯޅައިގެ އެޑިޓަރަށް ރޮނާލްޑޯ ދިން ބަހުގެ ހަމަލާތަކެއްވެސް އުޅުނެވެ. އެ ހިސާބުން ދެން ދިވެހިންގެ ޝައުގުވެރިކަން ބަދަލުވީ ކުރީގެ ރައީސް ޔަމީން އަބްދުލްގައްޔޫމުގެ އިސްތިއުނާފް ހުކުމަށެވެ.

މެސީއަށް މަރުހަބާ ކިޔާ ފޮޓޯގްރަފަރު އަބީދު ކޮށްފައިވާ ޓްވީޓެއް ---

މެންދުރު 12:00 ހާއިރު ސޯޝަލް މީޑިއާގައި ދިވެހީން މުޅިން ސިޔާސީ ވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ގައުމު އިންތިޒާރު ކުރި ބޮޑު ހުކުމެއް އިއްވައިފިއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން، މަނީލޯންޑާ ކުރިކަމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ނޮވެމްބަރު 28، 2019ގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ސާބިތުވި ހުކުމް ބާތިލު ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އެވަގުތުއެވެ. އެ ހުކުމާއެކު ދެ އަހަރަށްފަހު ރައީސް ޔާމީން މިނިވަންވުމާއެކު އެތައް ބަޔަކު އުފާފާޅުކުރަން ފެށިއެވެ. އަނެއް ބަޔަކު ހަމަ ދެބަސްވެ އެއްޗެހިވެސް ގޮވިއެވެ.

ހަމަ ބަލަބަލައި ތިއްބައި މުޅި ސޯޝަލް މީޑިއާ އެއްކޮށް ފުރާލީ ޔާމީނަށް މަރުހަބާ ކީ ފޮޓޯތަކުންނާއި، އަނެއް ކޮޅުގެވެސް ފޮޓޯޓަކުންނެވެ. މެސީގެ މަރުހަބާތައް ފަނޑުކޮށްލިއެވެ. އެ ފުޓުބޯޅަ ވާހަކަތައް ފައިބައިގެން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖެހިގެންނެވެ. ދެން ފެނުނީ ޕީއެންސީގެ ރައީސް، އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އާއި ރައީސް ޔާމީންގެ "ލޯޔަލް" ބޭފުޅުންނާއި ސަޕޯޓަރުން އުފަލުން ރޮއި ހެދި މަންޒަރެވެ. އަދި ކޮބައިހެއްޔެވެ. މަގުމަތީ އުފާފާޅުކުރަން ބައްދައި، ރައީސް ޔާމީނަށްޓަކައި ރަތް ދޫލަ އަޅައި މުޅި ޕީޕީއެމް އުފާފާޅުކުރި ފޮޓޯތައް ޓްރެންޑަކަށް ވެއްޖެއެވެ.

އެ ދެ މަރުހަބާ "މިކްސް" ކޮށްލި ބަޔަކުވެސް އެބަތިއްބެވެ. ސޯޝަލް މީޑިއާއިން ފެންނަ މަޖާކަމަކީ މިއީއެވެ. އަބަދުވެސް ތަފާތުކޮށްލާނެ ބަޔަކު އަންނާނެއެވެ. ދެ "މެސީ"އަށް އެކުގައި މަރުހަބާ ކިޔަމުންދިޔަ ބަޔަކު ފެނުނެވެ. އެ މަރުހަބާ އެއްކޮށްލީވެސް އަޑެއް ކިޔާފައި އޮތުމުންނެވެ. 2016 އަށް ހަނދާން ކަސިޔާރު ކޮށްލަމާ ހިނގާށެވެ. ސިޔާސީ މައިދާނުގައި ތަފާތު ވާހަކަތަކެއް ވިދާޅުވާ އަދުރޭގެ ބުނަމަކަށް ހަނދާން ތިލަކޮށްލަމާ ހިނގާށެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މެސީއަކީ ޔާމީން. ރާއްޖޭގެ ޓީވީތަކުން ވޯލްޑް ކަޕް ދައްކަން ފެށިއިރު އެންމެ މޮޅު ކުޅުންތެރިޔަކީ މެރަޑޯނާ. އޭގެ ފަހުން ރޮނާލްޑޯ އާއި ރޮނާލްޑީނިއޯ އާއި ރޮބާޓޯ ބާޖިއޯ އާއި މިކަހަލަ އެތައް ކުޅުންތެރިންތަކެއް ބަދަލުވަމުން އައިސް މިއަދު ދުނިޔޭގެ އެންމެ ގިނަ މީހުންގެ ސަޕޯޓް އޮތް މީހަކީ މެސީ. މިއީ ހަގީގަތް. އިއްޔެއަށް ވުރެ މާމޮޅު މީހަކު މިއަދު އުފެދިދާނެ. އިއްޔެ ހުރި ކުޅަދާނަ ލީޑަރަކަށްވުރެ މާކުޅަދާނަ ލީޑަރަކު މިއަދު އުފެދިދާނެ،" 2016 ވަނަ އަހަރު އަދުރޭ ވިދާޅުވެފައިވެއެވެ.

އަދުރޭ އެހެން ވިދާޅުވީ "ޕީޕީއެމް ހަލާކުކޮށްލީ ޕީއޭ މީހުން ކަމަށް" ރައީސް މައުމޫން ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވުމަށެވެ. އަދުރޭ ވިދާޅުވީ "ޕީޕީއެމް، ޕީޕީއެމްއަކަށް ހެދީ ޕީއޭ މީހުން" ކަމަށެވެ.

އެއީ ސިޔާސީ ގޮތުން އެނބުރެމުން އައިސް މިހާރަށް ބޭނުން ވާހަކައެއްވެސް ނޫނެވެ. އެހެން ނަމަވެސް މެސީން ފެށިގެން ޔާމީނަށް މިއަދު ބަދަލުވި ޓްރެންޑުގައި ކޮންމެވެސް ވަރަކަށް އެވާހަކަ އުޅޭތީ، އެވާހަކަ ދައްކާލަން މުހިންމުވީއެވެ. ސޯޝަލް މީޑިއާއަކީ ތަފާތު މަންޒަރާއި ކުލަ، ތަފާތު ވަގުތު ދައްކާނެ އެއްޗެކެވެ. މިއީ ފާހަގަވި ފާހަގަވުމެކެވެ. މިއީ މެސީއާއި ރައީސް ޔާމީންގެ ސަޕޯޓަރުންނަށް އީދެކެވެ.