ފްރާންސް ފުޓުބޯޅަ މެގަޒިންއިން ހޮވާ އެންމެ މޮޅު ކްލަބުގެ އެވޯޑު އިންގްލެންޑްގެ ޗެލްސީން ހޯދައިފިއެވެ.
މިފަހަރުގެ ބެލޮންޑިއޯ ހަފުލާގައި އަލަށް ތައާރަފު ކުރި ސީޒަންގެ އެންމެ މޮޅު ކްލަބުގެ އެވޯޑު ޗެލްސީއަށް ލިބުނީ ބެލޮންޑިއޯގެ އެވޯޑުތަކަށް އެއް ކްލަބަކުން އެންމެ ގިނަ ކުޅުންތެރިން ނޮމިނޭޓް ވި ކްލަބަކަށް އެ ކްލަބު ވުމުންނެވެ. ޗެލްސީގެ 11 ކުޅުންތެރިޔަކު މިފަހަރުގެ ބެލޮންޑިއޯގައި އެކިއެކި އެވޯޑުތަކަށް ނޮމިނޭޓް ވެފައިވެއެވެ.
އެގޮތުން ޗެލްސީގެ ގޯލްކީޕަރު އެޑްއާޑު މެންޑީއަށް ލެވް ޔެޝިން ޓްރޮފީގެ ދެވަނަ މަގާމު ލިބިފައިވާ އިރު، ޗެލްސީގެ އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ އަށް ވަނީ ފިރިހެން ބެލޮންޑިއޯ އެވޯޑުގެ ތިންވަނަ ލިބިފައެވެ. އޭގެ އިތުރުން ފިރިހެން ބެލޮންޑިއޯގެ ނޮމިނޭޝަން ލިސްޓްގައި ހިމެނުނު ޗެލްސީ ކުޅުންތެރިންނަކީ މޭސަން މައުންޓް، ސެޒާ އަޒްޕިލިކުއެޓާގެ އިތުރުން ރޮމެލޫ ލުކާކޫއާއި އެންގޯލޯ ކަންޓޭ އެވެ. އަންހެން ބެލޮންޑިއޯ އެވޯޑަށްވެސް ޗެލްސީން ފަސް ކުޅުންތެރިޔަކު ވަނީ ނޮމިނޭޓް ވެފައެވެ.
ޗެލްސީގެ ސީނިއާ ފިރިހެން ޓީމުން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، އަންހެން ޓީމުން ވަނީ މިދިޔަ ސީޒަންގެ އަންހެން ޕްރިމިއާ ލީގު ހޯދައި، ލީގު ކަޕްވެސް ހޯދައިފައެވެ. އޭގެ އިތުރުން އެޓީމުން ވަނީ ޗެމްޕިއަންސް ލީގު ފައިނަލްވެސް ކުޅެފައެވެ.
ރޭގެ އެވޯޑާ ގުޅިގެން ކެޕްޓަން އަޒްޕިލިކުއެޓާ ބުނެފައި ވަނީ ޓީމު އެވޯޑަކީ ހާއްސަ އެވޯޑެއް ކަމަށެވެ.
"އެވޯޑަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ކްލަބުގެ ކެޕްޓަނުގެ ހައިސިއްޔަތުން މިއީ ވަރަށް ބޮޑަށް ފަހުރުވެރިވާ އެވޯޑެއް. މިއީ ޗެލްސީގެ އެންމެ އުފާވެރި އެއް ވަގުތު،" އަޒްޕިލިކުއެޓާ ބުންޏެވެ.
އެވޯޑާއެކު ޗެލްސީގެ ފިރިހެން ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފައި ވަނީ ޗެލްސީއަށް އެވޯޑު ލިބުމަކީ އުފާވާ ކަމެއް ކަމަށާއި، ޗެލްސީގެ އަންހެން އަދި ފިރިހެން ޓީމާއެކު އެކަޑެމީއަކީވެސް ފާހަގަކޮށްލެވޭ ޓީމުތައް ކަމަށެވެ.