ރާއްޖޭގައި އެހެން ދީންތައް ފަތުރާ ވެކްސައިޓްތަކާއި ސޯޝަލް މީޑިއާ ކޮންޓެންޓްތައް ބްލޮކް ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ވަނީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގުކޮށް، ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއާތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އެހެންކަމުން މިއަމުރު ތަންފީޒުކުރުމަށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު ވާނީ އަންގާފައި،" ފުލުހުން ބުންޏެވެ.
އެހެން ދީންތައް ފަތުރާ ވެބްސައިޓްތަކުގެ މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހުވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ނަސޯރާ ދީނުގެ ކުރެހުންތަކަކާއި އެ ދީނާ ބެހޭ ވެބްސައިޓެއްގެ ލިންކް ހިމަނާފައިވާ ޕޯސްޓެއްގެ އިތުރުން ދިވެހި އަޑު އަޅައިގެން ކްރިސްޓިއަން ދީނާ ގުޅޭ ބައެއް ވީޑިއޯތަކާއި ލިޔުންތައްވެސް ދައުރުވެފައިވެއެވެ.
އެކަމާ ގުޅިގެން އެއިރު ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ކުރިސްޓިއަންދީން ފަތުރަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އެކަން ހުއްޓުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު