ޓުވިޓާ ކުންފުނީގެ ކޯ-ފައުންޑާ އަދި ސީއީއޯ ޖެކް ޑޯސީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖެކް ޑޯސީ ވަނީ 2006 ވަނަ އަހަރު ކުންފުނީގެ ކޯ-ފައުންޑަރެއްގެ ގޮތުގައި ޓުވިޓާ ވުޖޫދަށް ގެނެސް ދުނިޔޭގެ އެންމެ ފުރަތަމަ ޓުވީޓު ކުރައްވައިފައެވެ. ޖެކް މަގާމުން ދުރަށް ދިއުމަށް ނިންމިކަން އިއުލާނުކޮށް ކުރެއްވި ޓުވީޓުގައި އެ މަގާމާ ދެން ހަވާލުވާނީ ކުންފުނީގެ ސީޓީއޯ ޕަރަގް އަގަރުވާލް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކުންފުންޏާ 2011 ވަނަ އަހަރު ގުޅިފައިވާ އަގަރްވާލް އަކީ 2017 ވަނަ އަހަރުން ފެށިގެން ޗީފް ޓެކްނިކަލް އޮފިސަރުގެ މަގާމު ފުރުއްވަމުން އައިސްފައިވާ ފަރާތެވެ. ޖެކް ސީއީއޯގެ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވިކަން އިއުލާނުކުރެއްވިނަމަވެސް އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ދައުރު ހަމަވަންދެން ކުންފުނީގެ ބޯޑުގައި މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ކުންފުނީގެ ސީއީއޯގެ މަގާމުގެ އިތުރުން އޭނާގެ ޑިޖިޓަލް ޕޭމަންޓު ކުންފުނި ''ސްކުއެއާ''ގެ ސީއީއޯގެ މަގާމުންވެސް ދުރަށް ޖެހިވަޑައިގަތުމަށް ޖެކް ވަނީ ނިންމަވައިފައެވެ. މި ނިންމުން ނިންމަވާފައިވަނީ ބައެއް ސްޓޭކްހޯލްޑަރުންގެ ފަރާތުން މިކަމަށް ފިއްތުންތައް ކުރިމަތިކުރަމުން ގޮސްފައި ވަނިކޮށެވެ. ޓުވިޓާގެ އެންމެ ގިނަ ހިއްސާ އޮންނަ އެއް ކުންފުނި ކަމަށްވާ އެލިއޮޓް މެނޭޖްމަންޓުން ވަނީ ޖެކް ކޮންމެވެސް އެއް ކުންފުންޏެއްގެ ސީއީއޯ ކަމުން ދުރުވުމަށް ގޮވާލައިފައެވެ. ޖެކްގެ މި ނިންމުމާއެކު ޓުވިޓާގެ ހިއްސާ ވަނީ %11 މައްޗަށް ޖެހިލައިފައެވެ.
މި ނިންމުން އިއުލާނުކޮށް މަގާމުން ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި ހިންގުން އެހެން ފރާތަކަށް ދޭން ވީ ވަގުތު ޖެހިއްޖެ ކަމަށް ޖެކް ވަނީ ވިދާޅުވެފައެވެ. ޓުވިޓާގެ ސީއީއޯގެ މަގާމާ އަލަށް ހަވާލުވާ އަގަރްވާލްގެ ހުނަރާއި، ހިތާއި ނަފުސުން ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މި ނިންމުން އިއުލާނުކުރެއްވުމުގެ ކުރީން އާދިއްތަ ދުވަހު އޭނާ ވަނީ ޓުވިޓާ ދެކެ ލޯބިވާ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ.
މި ނިންމުން އިއުލާނު ކުރައްވާފައިވާއިރު ޖެކް ވަނީ މުވައްޒަފުންނަށްވެސް ވަކިން ހޯމަދުވަހު އީމެއިލް ކުރައްވައި މަގާމުން އިސްތިއުފާ ދެއްވާފައިވާކަން އަންގަވައިފައެވެ.
ޓުވިޓާގެ ކޯ-ފައުންޑަރު އަދި ސީއީއޯ، އުމުރުން 45 އަހަރުގެ މަލްޓި ބިލިއަނަރު ޖެކް ޑޯސީ، އެ ކުންފުނި ވުޖޫދަށް ގެނެސްފައިވަނީ ބިޒް ސްޓޯން، އިވާން ވިލިއަމްސް އަދި ނޯއާ ގްލާސް އާއެކު 2006 ވަނަ އަހަރުގައެވެ. 2009 ވަނަ އަހަރު ޑިޖިޓަލް ޕޭމަންޓު އެޕް ''ސްކުއެއާ' އުފައްދަވާފައިވާއިރު އެ ކުންފުނިވެސް ވަނީ މަލްޓި-ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ވެފައެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ