ޚަބަރު

ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ގާނޫނީ ހައްލެއް ހޯދަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ޣައިރު ހާޒިރުގައި ޖިނާއީ ހުކުމްކޮށް، އެ އަދަބު ތަންފީޒުކުރުމަށް ހަވާލުކޮށްފައި ނުވާ 422 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި އެޓާނީ ޖެނެރަލްގެ އިސްނެންގެވުމަށް މަސައްކަތްކުރެއްވުމަށާއި، އެ ފަރާތްތައް މިނިވަން ކުރުމަށް އަވަސް ގާނޫނީ ހައްލެއް ހޯދުމަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި މައްސަލައަކީ އެކިއެކި މައްސަލަތަކުގައި ޣައިރު ހާޒިރުގައި ކޯޓުތަކުން ހުކުމްކުރުމަށްފަހު، ތަންފީޒީ އިދާރާތަކުން އެ ހުކުމް ތަންފީޒު ނުކޮށް، އެހެންނަމަވެސް އެފަރާތްތަކުގެ ޕާސްޕޯޓު ދިގު މައްދަތަކަށް ހިފަހައްޓާފައިވާ މައްސަލައަށް ހައްލެއް ނުލިބި ގިނަ އަދަދެއްގެ މީހުން މުޖުތަމައުގައި އުޅޭ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހެޅުއްވުމުން ޖުޑިޝަރީ ކޮމިޓީން ބެލި މައްސަލައެކެވެ.

މި މައްސަލަ ބެލުމަށްފަހު ގިނަ ކަންތައްތަކެއް ސަރުކާރަށް ހުށަހެޅުމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި ޣައިރު ހާޒިރުގައި ހުކުމް ކުރުމަށްފަހު އެ ހުކުމް ތަންފީޒު ކުރުމަށް ހަވާލުނުކޮށް ފާއިތުވެފައިވާ އަހަރުތަކުގެ އަދަދަށާއި، މައްސަލައިގެ ބާވަތަށާއި، އަދަބުގެ ކުޑަބޮޑު މިނަށާއި، އެ ހުކުމް ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރަށް ބެލުމަށްފަހު، އެ މީހެއްގެ މައްޗަށް އަލުން ހުކުމް ތަންފީޒު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ބެލެވޭތީ، އެފަދަ މީހެއްގެ މައްޗަށް ހުކުމް ތަންފީޒު ނުކޮށް މިނިވަންކުރުމަށް ގާނޫނީ އަވަސް ހައްލެއް ހޯދުމުގައި އެޓާނީ ޖެނެރަލް މަސައްކަތް ކޮށްދެއްވުމަށް އެ އޮފީހަށް ހުށަހަޅަން ވަނީ ހިމަނައިފައެވެ.

ޣައިރު ހާޒިރުގައި ޖިނާއީ ހުކުމްކޮށް، އަދަބު ތަންފީޒު ކުރުމަށް ހަވާލުކޮށްފައިނުވާ 422 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ފާހަގަކޮށް އެ މައްސަލައަށް ހަމަޖެހޭ އުސޫލަކުން އަވަސް ހައްލެއް ހޯދުމުގައި އޭޖީ އޮފީހަށް ހުށަހެޅުމަށްވެސް ވަނީ ހިމަނައިފައެވެ.

އެގޮތުގެ މަތިން މިހާރު އަމަލު ކުރަމުން އަންނަ ނޫ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ޖިނާއީ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ހުކުމް އިއްވައި، ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރެވިފައިނުވާ ފަރާތްތަކާއި، ޖިނާއީ ބޮޑު ކުށަކަށްނުވާ މައްސަލައެއްގައި ހުކުމްކޮށް ތަންފީޒު ކުރަން ހަވާލު ކުރެވިފައިނުވާ ފަރާތްތަކުގެ ޕާސްޕޯޓު އަވަހަށް ދޫކުރެވޭނެ ގޮތް ހެއްދެވުމަށް އޭޖީ އޮފީހަށް ހުށަހެޅުމަށްވެސް ހިމަނާފައިވެއެވެ.

ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ފިޔަވަޅު އޭޖީ އޮފީހުން ފިޔަވަޅު އަޅަމުންދާ ގޮތްތަކުގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރަންޖެހޭނެ ކަމަށްވެސް ރިޕޯޓުގައި ހިމަނައިގެން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.