ޚަބަރު

ޔޫޓީއެފް އެއްބަސްވުމުން ރާއްޖޭގެ މިނިވަންކަމަށް އަސަރެއް ނުކުރާނެކަމަށް މަޖިލީހުން ވެސް ފާސްކޮށްފި

އިބްރާހިމް ޒަކީ

1

އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އުތުރުތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ނުކުރާނެކަމަށް، ނިންމައި އެ އެއްބަސްވުންތަކުގައި ބަޔާންކުރާ ކަންކަން ހާސިލުކުރެވޭ މިންވަރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާ ހިއްސާކުރަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވި 60 މެމްބަރުންގެ ތެރެއިން 53 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ހަ މެމްބަރުން ވޯޓް ދެއްވިއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ "އެކްޝަން ފޯ ޑިފެންސް މެކޭނިޒަމް ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާ" އަކީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެއް ކަމަށް އިސްލާހުކުރުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ އިސްލާހު މަޖިލީހުން ފާހެއް ނުވިއެވެ.

ޝަރީފް ވަނީ ޑޯނިއާ އާއެކު ހަރަކާތްތެރިވާ އިންޑިއާ ސިފައިންގެ ކެއުމާއި ތިބުމާއި އަދި އެހެނިހެން ހަރަދުތައް އިންޑިއާ ސަރުކާރުގެ ފަރާތުން ހަމަޖެއްސުމަށްވެސް ހުށަހެޅިއެވެ. އެ އިސްލާހަށްވެސް މަޖިލީހުން ތައީދެއް ނުލިބުނެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމާއި އެތަން ބެލެހެއްޓުމުގެ ކަންކަން ވިލަރެސް ކުރުމަށް ދިވެހި ސިފައިންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރާއި އިންޑިއާގެ އެހެން ފަރާތްތައް ހިމެނޭ ގޮތަށް ޖޮއިންޓް ކޮމިޓީއެއް އުފައްދައި އުތުރުތިލަފަޅުގެ މަސައްކަތް ކުރުމަށް އެއްބަސްވުމަށްވެސް ޝަރީފް އިސްލާހު ހުށަހެޅިއެވެ. ނަމަވެސް އެ އިސްލާހުވެސް މަޖިލީހުން ފާހެއް ނުވިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމަށާއި ރާއްޖެއިން ޑޯނިއާ ދުއްވާ ސިފައިންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ދިނުމަށްވެސް ޝަރީފް ހުށަހެޅުއްވިއެވެ. ނަމަވެސް އެ ދެ އިސްލާހަށްވެސް މަޖިލީހުގެ ރުހުން ލިބިފައެއް ނުވެއެވެ.

މީގެ އިތުރުންވެސް ޝަރީފް އިތުރު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް އެއްވެސް ހުށަހެޅުމަކަށް މަޖިލީހުން ތާއީދު ލިބިފައެއް ނުވެއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީގެ މެމްބަރުންގެ އެކި ހިޔާލުތައް އެއްބަސްވުމާ ގުޅޭގޮތުން ދީފައިވާ ކަމަށާއި އެ ދެ އެއްބަސްވުމުގައި ހުރި ކަންކަމަކީ 1991 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދައްކާފައި ހުރި ވާހަކަތެއްކަން ޔައުމިއްޔާތަކުން އެނގޭ ކަމަށެވެ. އެހެންކަމުން އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުވަތަ މިނިވަންކަމަށް ބުރޫއަރާނެ ފަދަކަމެއް ނެތްކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ 1988 ވަނަ އަހަރުން ފެށިގެން އިންޑިއާއި ރާއްޖެއާ ދެމެދުގައި އަސްކަރީ އެއްބަސްވުންތައް ހަދަމުން އަންނަ ކަމަށެވެ. އަދި އެއިރުން ފެށިގެން އިންޑިއާއަކީ ރާއްޖެއަށް ވަރަށް ގިނަ އެހީތަކެއް ދެމުން އަންނަ ގައުމެއް ކަމަށް ވިދާޅުވިއެވެ.

އެއާއެކު 241 ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ އެ ރިޕޯޓުގެ ޑްރާފްޓް ފާސް ވެސް ކޮށްފައެވެ. ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ ވޯޓުންނެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު ވަނީ ޔޫޓީއެފް އެއްބަސްވުމުގެ ކޮޕީއެއް މެންބަރުންނަށް ދޭން ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއެވެ. އުޝާމުގެ ހުށަހެޅުމަށް އަސްލަމް ވޯޓަށް އެހި ނަމަވެސް އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.