ޚަބަރު

އެމެރިކާގެ ކުރީގެ ސަފީރަށް އިންޒާރުދިން މީހަކު ޖޫރިމަނާކޮށްފި

މުހައްމަދު އިޝާން

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އަތުލް ކެޝަޕަށް އިންޒާރުދިން މީހަކު ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށްފިއެވެ.

ސަފީރަށް އިންޒާރުދީގެން ޖޫރިމަނާކޮށްފައިވަނީ ސ. މީދޫ އަބްލައީވާދީ އަހުމަދު ރަޝީދެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އަތުލް ކެޝަޕްއަށް އަހުމަދު ރަޝީދުގެ ޓުވިޓާ އެކައުންޓު މެދުވެރިކޮށް އަތުލް ކެޝަޕް އަދި އޭނާގެ އާއިލާ ރާއްޖެ އަތުވެއްޖެނަމަ މަރާލާނެކަމުގެ އިންޒާރުދީފައިވާތީ، ދިވެހިރާއްޖޭގެ ގަނޫނުލްއުގޫބާތުގެ ދަށުން މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް ކުރިއެވެ.

ދައުލަތުން ކުރި ދައުވާއަށް އަހުމަދު ރަޝީދު ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށާއި އަހުމަދު ރަޝީދަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އަހުމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ވަނީ ދިހަ ހެއްކެއް ހުށަހަޅައިފައެވެ. އެ ހެކިތަކުގެ ތެރޭގައި އަހުމަދު ރަޝީދު ތަހުގީގަށް ދިން ބަޔާނާއި، އަހުމަދު ރަޝީދުގެ ފޭސްބުކާއި ޓުވިޓާ އެކައުންޓު ހިމެނެއެވެ. ދެން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ތަހުގީގު ބަޔާނާއި މައްސަލަ ތަހުގީގުކުރި ޕޮލިސް އޮފިސަރުގެ އިތުރުން މޯބައިލް ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ޕޮލިސް އޮފިސަރު، ޗެއިން އޮފް ކަސްޓަޑީ ފޯމާއި މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ފޯމުގެ ރިޕޯޓެވެ. މީގެ އިތުރުން ސިއްރު ލިޔުމުއްގެ ގޮތުގައި ދެ ލިޔުން ހެކީގެ ގޮތުގައި ހުށަހެޅިއިރު އެންމެ ފަހު ހެއްކަކަށް ހުށަހަޅާފައިވަނީ ޔުނައިޓެޑް ނޭޝަން ކޮންވެންޝަންގެ ކޮޕީއެކެވެ.

އަހުމަދު ރަޝީދަށް ހެކި ހުށަހަޅަން ދިން ފުރުސަތުގައި އޭނާ ބުނެފައިވަނީ އޭނާގެ ފޯނަކީ މަހޭޝް ކިޔާ މީހަކު ބޭނުންކުރާ ފޯނެއް ކަމަށެވެ. އަދި މަހޭޝް ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައެވެ. ނަމަވެސް މަހޭޝްއާ ބެހޭގޮތުން ކޯޓަށް މައުލޫމާތު ދީފައިނުވާތީ އެ ހެކި ހާޒިރު ކުރެވިފައެއް ނުވެއެވެ.

ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކުރުމަށް ފަހު މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ހުކުމްކުރެއްވީ އަހުމަދު ރަޝީދުގެ މައްޗަަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން 27،800 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.

އަހުމަދު ރަޝީދުގެ މައްޗަށް ޖަލު އަދަބެއް ކަނޑައަޅާނަމަ ހަތަރު މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުންނާއި ވަޒީފާއެއް އަދާކުރަމުންދާ ކަމުގެ ލިޔުން އަހުމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާތީ ޖަލު އަދަބު ވަނީ ޖޫރިމާނާއަކަށް ބަދަލުކޮށްފައެވެ.