އަތޮޅުތެރެއަށް ފޮނުވަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 20 އެމްބިއުލާންސް މިއަދު ރާއްޖެ ގެނެސްފިއެވެ.
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ގެނެސް ހަވާލުކުރަން ޖެހެއެވެ.
އެސްޓީއޯގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (އަބޯ) "ވަން" އަށް މިއަދު ވިދާޅުވީ، އެސްޓީއޯ ހަވާލުކޮށްގެން ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 20 އެމްބިއުލާންސް މިއަދު ރާއްޖެ ގެނެސް، މާލެއަށް ބާލާފައިވާ ކަމަށެވެ.
މި އެމްބިއުލާންސްތައް ފޮނުވަން ހަމަޖެހިފައި ވަނީ، އެކަމަށް އެންމެ ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދީގެން ކަމަށާއި ނަމަވެސް އެ ރަށްތައް ނިންމާނީ ހެލްތު މިނިސްޓްރީން ކަމަށް ވެސް އަބޯ ވިދާޅުވިއެވެ.
އަބޯ ވިދާޅުވީ، ބާކީ ހުރި އެމްބިއުލާންސްތައް ގެނެވޭނެ ތާރީހެއް އަދި ސީދާ އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މީގެ ކުރިން މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި، މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.
ޚަބަރު
ޚަބަރު
ޚަބަރު