ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލުކުރުމަށް ހާއްސަ ކުރެވިފައިވާ "ރޭޕް އެވިޑެންސް ކިޓް" ބޭނުންކުރަން ލާޒިމުކޮށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއީ ސަރުކާރުގެ ފަޜާތުން ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލެކެވެ.
ގާނޫނުގެ ހަވަނަ މާއްދާއަށް މި ބިލުން ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި، ދެމަފިރިން ކަމުގައި ނުވާ ދެ މީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަކީ ރޭޕް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މިހާރު ގާނޫނުގައި ރޭޕް ކުރުމަށް ކަނޑައަޅާފައި ވަނީ ދެމަފިރިން ކަމުގައިނުވާ ދެމީހުންގެ ދެމެދުގައި ހިންގާ އެފަދަ އަމަލެވެ.
ދެމަފިރިންގެ މެދުގައި ހިނގާ ކަންތައްތައް، ޖިންސީ އަނިޔާގެ އަމަލުތަކުގެ ގޮތުގައި ގާނޫނުގައި ހިމަނާފައި ނުވާތީ އެބައިވެސް މި ބިލުން ވަނީ ގާނޫނަށް އިތުރުކޮށްފައެވެ. އަދި ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންތައްތަކުގެ ތެރޭގައި ޖިންސީ ގޯނާގެ އަމަލުތައް ހިމެނޭ ކަމަށް ކަނޑައަޅައި އެކަންތައްވެސް މި ބިލުގައި ވަނީ ތަފްސީލު ކޮށްފައެވެ.
ރޭޕް ކުރުމާއި، ޖިންސީ އަނިޔާ ހިންގާ މައްސަލަތަކުގެ ތަހުގީގުގައި، ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލު ކުރުމަށް މި ބިލުން ވަނީ ލާޒިމުކޮށްފައެވެ. އަދި އެ ތަހުލީލުތަކުގައި "ރޭޕް އެވިޑެންސް ކިޓް" ބޭނުންކުރުމަށްވެސް ހިމަނާފައިވެއެވެ.
ސަރުކާރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށާއި ހޮސްޕިޓަލުތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމު ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެ ކަމަށާއި، ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ސާމްޕަލް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް ނެގޭ ސާމްޕަލްއަކީ ހެއްކެއްކަމުން، ސާމްޕަލް ނެގުމުގައި އަމަލުކުރާނޭ އުސޫލެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ފުލުހުންގެ އެކުލަވާލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި ކުށުގެ ޝިކާރައަކަށްވީ ފަރާތް މާބަނޑުވެދާނެކަމަށް ނުވަތަ މާބަނޑުވެފައިވާކަމަށް ޑޮކްޓަރަކަށް ފާހަގަކުރޭ ހާލަތްތަކުގައި މާބަނޑުވުމުން ރައްކާތެރިކަން ހޯދުމަށް ދޭންޖެހޭ ފަރުވާ، އެ ފަރާތަކަށް ފޯރުކޮށްދޭންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު