މިއަދުން ފެށިގެން އޭޑީކޭ ގެ އެޕޮއިންޓްމަންޓް ތަކަށް، ބޫސްޓާ ޑޯޒަށް ޓޯކަން ދޫކުރަން ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، މިއަދުން ފެށިގެން އޭޑީކޭ ގެ އެޕޮއިންޓްމަންޓް ތަކަށް ކިއުބީ އިން ފައިޒާ ބޫސްޓާ ޑޯޒަށް ކަނޑައެޅިފައިވާ އަދަދަކަށް ޓޯކަން ދޫކުރާނެ ކަމަށެވެ. އެހެން ނަމަވެސް، ވެކްސިން ޖަހަން އެއްވެސް ވޯކް-އިން އެއް ނޯންނާނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިހާރު ބޫސްޓަ ވެކްސިން ޝޮޓްތައް ދެމުން އަންނަނީ އުމުރުން 50 އަހަރުން މަތީ މީހުންނަށް ކަމަށެވެ.

އެހެން ނަމަވެސް ސިއްހީ ދާއިރާ އާއި، ޓޫރިޒަމް އަދި އެއާޕޯޓް ފްރޮންޓްލައިން ސްޓާފުންނަށް ބޫސްޓާ ޝޮޓްތައް މިދިޔަ ހަފުތާގައި ފަށާނެ ކަމަށާއި އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން ބޫސްޓަ ޕްރޮގްރާމް ފަށާނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށް ރައީސް ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

"ޝަރުތު ހަމަވާ ފަރާތްތަކަށް އެމީހުންގެ ބޫސްޓާ ޝޮޓް ވީ އެންމެ އަވަހަކަށް ހޯދުމަށް އިލްތިމާސް ކުރަން." އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި 7000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ބޫސްޓަ ޑޯޒް ޖަހާފަ އެވެ. ބޫސްޓަ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުން ކުރަނީ ފައިޒާ ވެކްސިނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު އެންމެ އަޑުގަދަވެފައިވަނީ ކޮވިޑުގެ އާ ވޭރިއެންޓެއްގެ އިންޒާރުގެ ވާހަކަ އެވެ. ރާއްޖެއިންވެސް މި ވޭރިއެންޓަށް ތައްޔާރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި އެފްރިކާގެ ހަތް ގައުމަކުން ރާއްޖެއަށް ޓޫރިސްޓުން އައުން ވަނީ މަނާ ކޮށްފަ އެވެ.