ކުޅިވަރު

ވިނީޝިއަސްގެ ހިތްގައިމު ގޯލާއެކު ސެވިއްޔާ ބަލިކޮށް، ރެއާލް އެއްވަނައިގައި ހަމަޖެހިލައިފި

ސްޕެނިޝް ލަ ލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ސެވިއއްޔާ ބަލިކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު 1-1 އިން އެއްވަރު ވާން ދަނިކޮށް، ފަހު ވަގުތު ރެއާލް މޮޅުކޮށްދިނީ ވިނީޝިއަސް ޖޫނިއާ ޖެހި ހިތްގައިމު ގޯލުންނެވެ. މެޗުގެ 87 ވަނަ މިނެޓުގައި ވިނީޝިއަސް ވަނީ އަރިމަތިން ސެވިއްޔާގެ ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ސީދާ މަތީ ކަނަށް އަމާޒު ކޮށްލައިފައެވެ.

މޮޅާ އެކު ރެއާލްއަށް ވަނީ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ފަހަތުން އަރައި ރޭ ރެއާލުން ހޯދި މޮޅާއެކު އެއް ވަނައިގައި އޮތީ 14 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި މިވަގުތު އޮތީ ރޭ ކަޑިޒް ދަނޑުގައި 4-1 އިން މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އެވެ. އެ ޓީމަށް ވަނީ 14 މެޗުން 29 ޕޮއިންޓް ލިބިފައެވެ.

ރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ސެވިއްޔާ އިން ލީޑު ނެގީ ކޯނަރަކުން ލިބުނު ފުރުސަތުގައެވެ. ސެވިއްޔާއަށް ކޯނަރުގައި ގޯލު ޖަހައިދިނީ ރަފާ މީރް އެވެ. އޭގެފަހުންވެސް ފުރަތަމަ ހާފްގައި ސެވިއްޔާއިން ނުރައްކާ ކުރިއެވެ. ލޫކަސް އޮކަމްޕޯސް އޭރިއާބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވުމުގެ އިތުރުން ރެއާލް ގޯލްކީޕަރު ތީބޯ ކޯޝުއާ ވަނީ މުހިއްމު ދެ ސޭވްއެއް ކޮށްފައެވެ.

ސެވިއްޔާއިން ކުރީގައި އޮވެ ހާފު ނިންމާލަން ދަނިކޮށް، 32 ވަނަ މިނިޓްގައި ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ކަރިމް ބެންޒެމާ އެވެ. އޭރިއާ ބޭރުން އެޑާ މިލިޓާއޯ ޖެހި ބާރު ބޯޅައެއް ސެވިއްޔާ ކީޕަރު ޔާސިން ބޯނޯ އަތުގައި ޖެހި، ދަނޑީގައި ވެސް ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވި ވަގުތު ބެންޒެމާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

މެޗު ނިމެން ދަނިކޮށް ވިނީޝީއަސް ރޭ ޖެހި ގޯލަކީ މި ސީޒަންގެ ލީގުގައި އޭނާ ޖެހި ނުވަ ވަނަ ގޯލެވެ. 14 މެޗުން ނުވަ ގޯލާއެކު ވިނީޝިއަސް ވަނީ ތިން އެސިސްޓްވެސް ކޮށްދީފައެވެ.