އައްޑޫ ސިޓީގައި ކޮވިޑް ފެތުރެމުންދާތީ ކޮވިޑު ކޮންޓްރޯލް ކުރުމުގެ ގޮތުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން އަންގައިފިއެވެ.
އޭއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ބަލި ކޮންޓްރޯލް ކުރަން އަލަށް އަޅަން ހަމަޖެހިފައިވާ ފިޔަވަޅުތައް އިއުލާންކުރައްވައިފައެވެ.
މިއަދުން ފެށިގެން އަޅަން ނިންމާފައިވާ އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އާންމުކޮށް އެންމެން އެއްތަނަކަށް އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމާއި ސްކޫލު ކިޔެވުން ފިޔަވައި އެހެން ހުރިހާ ހަރަކާތެއް ހުއްޓާލުން އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމެވެ.
ނިޒާރު ވިދާޅުވީ އެ ފިޔަވަޅުތައް އެޅިކަމުގައި ވިޔަސް ކާފިއުގެ ވަގުތަށް ބަދަލެއް ނުގެންނާނެ ކަމަށެވެ. އައްޑޫގައި ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.
އަލަށް އެޅި ފިޔަވަޅުތަކުން ދެ ހަފުތާ ތެރޭގައި ކޮވިޑު ކޭސްތައް ދަށް ނުވާނަމަ އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވާނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
ކޮވިޑުގެ ކޭސްތަކާ ގުޅިގެން އައްޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އައްޑޫގައި އަދިވެސް ކޮވިޑު ކޮންޓްރޯލު ވެފައި ނުވާ އިރު، އިއްޔެ އެކަނިވެސް އެ ސިޓީން 17 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 15 ކޭސް ފެނިފައިވަނީ ހިތަދޫންނެވެ.
އައްޑޫގައި މިވަގުތު 277 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ އިރު، އޭގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން އަންނަނީ ކޮވިޑް ފެސިލިޓީގައެވެ. މި ބަލީގައި އައްޑޫން ދިހަ މީހަކު ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު