ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި ހަރަކާތްތެރިވާ ދެ ބޮޑަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރުކުރީ ބަންގްލަދޭޝްގެ ރޮބީއުﷲ އާއި ހަމަ އެގައުމުގެ މުހައްމަދު ފިރްދައުސް އެވެ. މިއަދު ފުލުހުން އެ ދެ މީހުންގެ ކޯޓަށް ހާޒިރުކުރުމުން ރޮބީއުﷲގެ ބަންދަށް ދިހަ ދުވަސް އަދި ފިރްދައުސްގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފައެވެ.
ރޮބީއުﷲ އަށް ކުރާ ތުހުމަތަކީ، ރަޖިސްޓްރީކޮށްްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކާ ކަމުގެ ތުހުމަތެވެ. އެ ތުހުމަތަށް ބާރުދޭ ހެކިތައް ވެސް ފުލުހުން ކޯޓަށް ހުށެހެޅިކަން ކޯޓު އަމުރުން އެނގެއެވެ. ފިރްދައުސްއަށް ކުރާ ތުހުމަތަކީ ޖަމާއަތް ހަދައިގެން "ނެޓްވޯކެއް"ގެ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި ގަތުމުގެ ތުހުމަތެވެ.
ކޯޓުގައި ފުލުހުން ބުނީ، ރޮބީއުﷲ އަމިއްލަ އެކައުންޓުން ފައިސާގެ ބޮޑެތި މުއާމަލާތް ކޮށްފައިވާ ކަމަށާއި، ބަންދު ކުރުމުގެ އަމުރު ނެރެނުދީފިނަމަ އެ ދެ މީހުން ފިލައިފާނެ ކަމަށެވެ. ފުލުހުން ތުހުމަތުކުރި ގޮޮތުގައި ރޮބީއުﷲ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމެވެ. އަދި އެއީ ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފިރްދައުސްއަކީ، ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. ފުލުހުން ބުނީ އޭނާއަކީ ޖަމާއަތް ހަދއިގެން "ނެޓްވޯކެއް"ގެ ގޮތުގައި އެކުށް ކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ގެ ވަސީލަތް މެދުވެރިކޮށްގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު