ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ފޮރިން ސެކެޓްރީ މަސްއޫދު ބިން މޫމެން ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން އެގޮތަށް ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

ނަމަވެސް ޝެއިހް ހަސީނާ، ރާއްޖެއަށް ރަސްމީ ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ ކޮން އިރަކު ކަމެއް މަސްއޫދު ބިން މޫމެން ހާމައެއް ނުކުރައްވައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ މި އަހަރުގެ ތެރޭގައި ދެ ގައުމުގެ އެންމެ އިސް އޮފިޝަލުން އެކި ފަހަރު މަތިން ބައްދަލުވެ، ކުރެވުނު މުއާމަލާތްތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

ދެ ބޭފުޅުން ވަނީ މި އަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ކުރައްވަން ރޭވިފައިވާ ރަސްމީ ދަތުރުފުޅުގެ ކުރިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ބައްދަލުވުމުގައި ސަރަހައްދީ ވިޔަފާރި އާއި ގުޅުންތައް އިތުރުކުރުމާއި އިގުތިސޯދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ފަތުރުވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ އެ ގައުމުގެ ފޮރިން ސާވިސްގައި އަލަށް އުފެއްދި އިންސްޓިޓިއުޓްގައި ތަމްރީނު ހެދުމަށް ރާއްޖޭގެ ފޮރިން ސާވިސްގެ މުވައްޒަފުން ފޮނުވުމަށް ރާއްޖެއަށް ދައުވަތު ދެއްވައިފައެވެ. އެ ދައުވަތު ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްއަފޫރު މުހައްމަދު ވަނީ ގަބޫލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ ކޮވިޑަށްފަހު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލާފައިވުމާއި ކޮވިޑްގެ ޕެންޑެމިކް މެނޭޖްކުރުމުގައި ރާއްޖެއިން އަމަލުކުރި ގޮތްތަކަށް ތައުރީފުކުރައްވައިފަ ކަމަށެވެ. އަދި ވަކި ގައުމެއްގެ ބަޔަކު ތަފާތުކުރުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމަށް ރާއްޖެއިން ނިންމި ނިންމުމަށްވެސް ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ތައުރީފު ކުރެއްވިއެވެ.

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އަބަދުވެސް ބަދަހިކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގެ އެންމެބޮޑު ބޭނުމަކީ ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތުގެ ދަތިކަމަށް ހައްލުތަކެއް ހޯދުމަށް މަގުފަހިކުރުން ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތާއެކު ސިއްހީ ހިދުމަތްތެރިންގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ވަފުދަށް ލިބުނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ ދެގައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އަބަދުވެސް ބަދަހިކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާއިރު، މިއަހަރުގެ މާޗް މަހު ރައީސް ސޯލިހް ވަނީ އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބޮޑުވަޒީރު ޝެއިހް ހަސީނާއާ ބައްދަލުކުރައްވައިފައެވެ. އަދި ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ އިހުތިފާލުތަކުގައި ރައީސް ސޯލިހް ވަނީ ބައިވެރިވެވަޑައިގެންފައެވެ.