ޚަބަރު

ދެ އަހަރުގެ ކޮއްކޮ ހިމެނޭހެން 15 ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަނީ

މުހައްމަދު އިޝާން

ދެ އަހަރުގެ ކޮއްކޮ ހިމެނޭހެން 15 ކުއްޖަކު ރޭޕް ކުރިކަމަށް ބުނާ ސުކޫލު ކުއްޖެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ވަނީ އެކުއްޖާ ދެއްކި ކަމަށް ބުނާ ވާހަކަތަކެއްގެ ސްކްރީންޝޮޓުތަކެއް އާންމުވެފައެވެ. ސްކްރީންޝޮޓުތަކުގައި އޭނާ ވަނީ އަމިއްލަ ކޮއްކޮ ހިމެނޭހެން 15 އަށް ވުރެ ގިނަ އަންހެން ކުދިން ރޭޕުކުރިކަމަށް އެއްބަސްވެފައެވެ. އަދި އެ އުމުރާ ނުގުޅޭ ތަފާތު އެކި، ބަދު އަހުލާގީ ވާހަކަތައްވެސް ދައްކާފައިވެއެވެ.

މީގެ އިތުރުން އެކުދިންގެ ބަރަހަނާ ފޮޓޯތައް ހޯދައި ލީކް ކޮށްލާނެ ކަމަށް ބުނެ އެކުދިންނަށް ބްލެކްމެއިލް ކުރާ ކަމަށްވެސް އޭނާ ވަނީ އެއްބަސްވެފައެވެ. އަދި އެކުދިންނަށް ގޯނާ ކުރުމަށްފަހު އެ ކުދިންގެ ބަރަހަނާ ފޮޓޯ ނަގާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކޮއްކޮ އާއި އިތުރު ކުދިންތަކެއް ރޭޕްކުރިކަމަށް އެއްބަސްވެފައިވަނީ މާލޭ ސްކޫލެއްގައި ތަައުލީމު ހާސިލު ކުރަމުން އަންނަ 18 އަހަރުގެ ދަރިވަރެކެވެ. އެކަމާ ގުޅިގެން އެސްކޫލުން ބުނީ ދަރިވަރުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންކަން ކަމަށެވެ.

އެގޮތުން ދަރިވަރުންގެ މެދުގައި ދަރިވަރުންގެ ރައްކާތެރިކަމަށް އުނިކަމެއް ލިބޭނެފަދަ ކަމެއް ހިނގައިފި ކަމަށް ސްކޫލަށް ރިޕޯޓްކުރުމުން ނުވަތަ ސްކޫލަށް އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެޑިއުކޭޝަން މިނިސްޓްރީގެ އިރުޝާދުގެ ދަށުން ލަސްނުކޮށް، ކަމާބެހޭ ފަރާތްތަކާއެކު އެކަމެއް ހިނގައިދިޔަގޮތް ބަލައި، އޮންނަ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅު އަޅާފައިވާނެ ކަމަށްވެސް ސްކޫލުން ބުންޏެވެ.