ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ނ. މަނަދޫގައި ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ މަނަދޫގެ ރައްޔިތުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމަނާފައިވާ ތަފާތު އަގުތަކުގެ ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުން ލިބިގެންދާނެ ކަމަށެވެ.

ދިރާގު އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ދިރާގު ހައިސްޕީޑް އިންޓަނެޓް ރާއްޖޭގައި މީހުން ދިރިއުޅޭ އެކި ހިސާބުތަކަށް ފޯރުކޮށްދީ، މުޖުތަމައުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތާނުގައިވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމިއިނުޓީތައް ބިނާކޮށް، ބާރުވެރިކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސަންޓަށް ދިރާގުން މި ހިދުމަތް ފޯރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.