ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދު ފުލުހުންގެ ބަންދުގައި ކޯޓަށް ހާޒިރު ކުރަން މިއަދު އަމުރު ނެރުއްވާނެ ކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވިދާޅުވެއްޖެއެވެ.
ގާޒީ ހަސަން ސައީދު މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަލީ ވަހީދުގެ މައްސަލައިގެ އަޑު އެހުމުގައި ކޯޓުތަކުން އެންގުމުންވެސް އަލީ ވަހީދު ޝަރީއަތަށް ހާޒިރު ވެފައި ނުވާ މައްސަލައިގައެވެ.
ގާޒީ ވިދާޅުވީ، އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް އަލީ ވަހީދު ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ފުރުމުގެ ހުއްދަ ދިނީ އޭނާ ކޯޓަށް ހުށަހެޅި ލިޔެކިޔުންތައް، ދައުލަތުން ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އަދި އެ ލިޔެކިޔުންތައް އިތުރަށް ކަށަވަރު ކުރުމަށް ޝަރީއަތަށް ހާޒިރު ކުރި ޑޮކްޓަރުވެސް، އަލީ ވަހީދުގެ މައި ބަދައިގެ ޑިސްކު އޮޕަރޭޝަން ކުރަން ޖެހޭ ކަމަށާއި ރާއްޖޭން ބޭރުން އެ އޮޕަރޭޝަން ކުރުމަށް ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. އެ ގޮތުން އަލީ ވަހީދަށް ފުރުމުގެ ހުއްދަ ދިނީ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރު ދެއްވި ވާހަކަތަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
ބޭސް ފަރުވާއަށް އަލީ ވަހީދަށް ދިން ހަތަރު މަސްދުވަހުގެ މުއްދަތު ހަމަވުމުން، އިތުރު ލިޔުންތައް ހުށަހަޅައި އޮންލައިންކޮށް ޝަރީއަތުގައި ބައިވެރި ވެވޭނެ ގޮތް ހެދުމަށް އެދުމުން އެ އިންތިޒާމުތައް ކޯޓުން ހަމަޖައްސައިދިން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް ދެ އަޑުއެހުމެއް ބޭއްވުމުން، އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތްތައް ނުގެންދަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ޝަރީއަތްތައް އެގޮތަށް ބޭއްވުން ހުއްޓަވައިލައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ފަހުން ކްރިމިނަލް ކޯޓަށް ހާޒިރު ވުމަށާއި، ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގި ނަމަވެސް ކޯޓަށް ހާޒިރު ވެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
ގާޒީ ވިދާޅުވީ، އަލީ ވަހީދު ކޯޓުތަކަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި، އެކަމާމެދު ކަމެއް ނުކުރެވި މައްސަލަތައް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބު ވެ، ކޯޓުތަކުގެ އަމުރު ތަކުގެ ހުރުމަތް ކެނޑި ރާއްޖޭގައި ގާނޫނީ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ޝަރީއަތަށް އެއްބާރުލުން ނުދީ ކޯޓަށް ހާޒިރު ނުވެ އަލީ ވަހީދު އުޅުމަކީ އެ ކަމާމެދު ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެކަަމީ މުޖުތަމައުގެ މަސްލަހަތާއި ގާނޫނީ ވެރިކަން ނެގެހެއްޓުމަށް ޓަކައި ޝަރުއީ ކޯޓުތަކުގެ ގަދަރާއި އިތުބާރު ހިފެހެއްޓުމަށް ޓަކައި ކޮންމެހެން ކުރުން މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މި ސަބަބަށް ޓަކައި ދެން އަލީ ވަހީދު ޝަރީއަތަށް ހާޒިރު ކުރާނީ ފުލުހުންގެ ބެލުމުގެ ދަށުން ބަންދު ކުރެވިގެންކަން އަންގާ ކަމަށްވެސް ވިދާޅުވިއެވެ. ހަމަ އެއާއެކު އޭނާއަށް ޖާމިނުވި އަޑުބަރޭ އަށް ފިޔަވަޅު އެޅުމަކީ ގާނޫނީ ވެރިކަން ދެމެހެއްޓަމަށާއި ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ގާޒީ އެހެން ވިދާޅުވުމާ ގުޅިގެން، އަލީ ވަހީދުގެ ބަންދުގެ އަމުރެއް ނެރެދެއްވާނަންތޯ ދައުލަތުގެ ވަކީލާ ފަރަހަނާޒް މުހައްމަދު ގާޒީއާ ސުވާލު ކުރެއްވިއެވެ.
ޖަވާބުގައި ގާޒީ ހަސަން ސައީދު ވިދާޅުވީ، "އާދެ މިއަދު ނެރެދޭނަން،" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު