ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޮން ރާއްޖެ އައުން ނުހުއްޓުވޭނެ ކަމަށާއި އެހެން ނަމަވެސް މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ބަލި ފެނުނު ދެކުނު އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އައުން މަނާކުރި ނަމަވެސް ރާއްޖެއަށް ބަލި އައުން ނުހުއްޓުވޭނެ ކަމަށެވެ. އެކަމަކު ބަލި ފެތުރުން ލަސް ކުރެވި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ފާއިތުވި 24 ގަޑި އިރު ދުނިޔޭގެ އެހެން ހިސާބުތަކުންވެސް މި ބަލި ފެންނަމުންދާ ކަމުގެ ރިޕޯޓު ލިބެމުން އަންނަ ކަމަށާއި މި ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން އަދި މަނާ ނުކުރާއިރު ބަލި އައުން ނުހުއްޓުވޭނެ ކަމަށެވެ. މިހާރު ބަލި ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުމުގެ ހިސްޓްރީ ނެތް ދެމީހެެއްގެ ގައިން އަލާމާތްތަކެއް ފެނި ޓެސްޓު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މިއީ ރާއްޖޭގައި ތިބި ދެމީހުން ކަމެއް ހާމައެއް ނުކުރެ އެވެ.
"ދެކުނު އެފްރިކާގެ ގައުމުތައް ނޫން އެހެން ގައުމުތަކުންވެސް މިބަލި ފެންނަމުންދާ ކަމަށް އެބަ ރިޕޯޓުކުރޭ. ޑެލްޓާގައި ވެސް ފާހަގަ ކުރެވުނު ގޮތަށް އެއް ގައުމުން ފެނުމަށް ފަހު ވަރަށް ބައިވަރު ގައުމުތަކަށް ފެތުރިގެން ދިޔަ ކޭސްތައް. އެހެންވީމާ ބޯޑަރު ބަންދުކޮށް މިހެން ނަގާ މެޝާޒްތަކުން ވެސް އަޅުގަނޑުމެންނަށް ވޭރިއަންޓް އައުން ޑިލޭ ކުރެވޭނީ. ވައިރަސް އައުން އެއްކޮށެއް ނުއެއް ހުއްޓުވޭނެ." އޭނާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ މިހާރު ފެތުރެމުންދާ އާ ވޭރިއަންޓަކީ ޑެލްޓާ ވޭރިއެންޓަށްވުރެ ބޮޑަށް ބަލި ޖައްސާ މިންވަރު އިތުރުކުރާ ވޭރިއެންޓެއް ކަމަށެވެ. އަދި މިއީ ބަލިޖެހިފައި ތިބި މިހުންނަށް ތަކުރާރުކޮށްވެސް ބަލި ފެތުރިދާ ފަދަ ވޭރިއެންޓެއް ކަމަށްވެސް ވިދާޅުވި އެވެ.
ވޭރިއަންޓް ފެތުރުން ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށާއި އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިން ޕީސީއާރު ޓެސްޓުތައް ހަދާފައި ހުރިތޯ ބަލައި ވެކްސިން ފުރިހަމަ ކޮށްފައިވާ މިންވަރު ބެލުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. ރާއްޖެ އައުން މަނާކުރި ގައުމުތަކަށް ފާއިތުވި 14 ދުވަސްތެރޭ ދަތުރުކުރި މީހުން ހޯދައި ޓެސްޓްކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ގައިގައި ހުރީ ކޮން ވޭރިއަންޓެއްތޯ ގަވައިދުން ބަލަމުން ގެންދާ ކަމަށާއި އެގޮތުން މިހާރު 830 ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.
ދުވާލެއްގެ މައްޗަށް 50 އަށްވުރެ ގިނަ ސާމްޕަލް ޓެސްޓުކުރުމަށް ފޮނުވާ ކަމަށާއި ސާމްޕަލްތައް މިދިޔަ މަހު 13 އިން ފެށިގެން ގަވައިދުން ފޮނުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އޮމިކްރޯންގެ ނަމުން ނަންދީފައިވާ މި ވޭރިއެންޓް އެންމެ ބާރަށް ފެތުރެމުންދަނީ ދެކުނު އެފްރިކާގަ އެވެ. އެ ސަރަހައްދުގެ ހަތް ގައުމަކުން ރާއްޖެ ދަތުރުކުރުން މިހަރު ވަނީ މަނާކޮށްފަ އެވެ.