އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ އަބްދުﷲ ބާގިރު އަހުމަދާއި އިތުރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ އަމުރުތަކާ ގުޅިގެން ހޯދަމުން ދަނީ، ބާގިރުގެ އިތުރުން ކ. ކާށިދޫ/ ހަނދުވަރީގެ، ޒީނިޔާ މުހައްމަދު ޒާހިރު (38އ) އެވެ.
ފުލުހުން ބުނީ، އެ ދެމީހުންވެސް ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށާއި އެމީހުން ބަންދުގައި ބަހައްޓައިގެން މާދަމާގެ ހެނދުނު 10:15އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް ބުންޏެވެ.
އެހެންކަމުން އެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.
ފުލުހުން ހޯދަމުންދާ ބާގިރަކީ އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހެކެވެ. އޭނާ މީގެ ކުރިން ވަނީ ހައްޖާއި އުމްރާގެ އަޅުކަމަށް ގެންގޮސްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވެ، ޖަލަށްވެސް ލައިފައެވެ.
ނަމަވެސް 2018ގެ އިންތިހާބު ކައިރިވެފައި ވަނިކޮށް ޕެރޯލްގެ ދަށުން އޭނާ ވަނީ ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު