މާލޭގެ މިސްކިތެއްގެ ފަންކާގައި އެއްޗެހި ހިއްކަން އެޅި މީހަކު ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މާލޭގައި ހުންނަ ކަޅު ހުރާ މިސްކިތަށް ވަދެ، އެމިސްކިތުގެ ފަންކާގައި އެއްޗެހި ހިއްކަން އެޅި 39 އަހަރުގެ މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކުރިމިނަލް ކޯޓުން އޭނާ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވަނީ އޭނާގެ އަމަލަކީ މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ މުޖުތަމައުގެ ކަންބޮޑުވުންވެސް އޮތް ކަމަކަށް ވާތީ ކަމަށެވެ. އެކަމަށް އޭނާ އިއުތިރާފު ވެސް ވެފައިވާ ކަމަށް ކޯޓުން އިއްޔެ ވަނީ ބުނެފަ އެވެ.

މިސްކިތްތަކަށް ވަދެ ކުޑަކަމުގޮސް ހަތިމަށް ކުޅުޖެހި މީހަކުވެސް ވަނީ ހައްޔަރުކޮށް ދައުވާ ކޮށްފަ އެވެ.

މިސްކިތްތަކުގައި ނިދައި ކައި ބޮއެ، މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.