ޚަބަރު

ހިޔާގެ މީޓަރުތައް ކޮންޓްރެކްޓަރު ރަނގަޅު ނުކުރާ ނަމަ އެމްޑަބްލިޔުއެސްސީން އާ މީޓަރުތައް ހަރުކުރާނެ: ޝާހް

އަލީ ޔާމިން

ހިޔާ ފްލެޓްތަކުގައި ފެނުގެ މައްސަލަތައް ކުރިމަތިވަނީ އެތާނގައި ހަރުކޮށްފައި ހުރި ފެން މީޓަރުތަކުގެ ސަބަބުން ކަމަށާއި، މީޓަރު ތަކުގެ މައްސަަލަ ކޮންޓްރެކްޓަރަށް ހައްލު ނުކުރެވޭނަމަ އެކަން އެމްޑަބްލިޔުއެސްސީން ހައްލުކޮށްދޭނެ ކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޝާހް އިއްޔެ ވިދާޅުވީ، ހިޔާ ފްލެޓްތަކުގައި 3500 އާއި 4000 މީޓަރާ ދޭތެރޭގެ އަދަދަކަށް މީޓަރު އެބަހުރި ކަމަށާއި އެ މީޓަރުތަކަށް މިއަދުން ފެށިގެން ފެން ބިލް ހަދާނެ ކަމަށެވެ.

ޝާހް ވިދާޅުވީ، ފެނުގެ މައި ނެޓްވޯކުން ފެށިގެން ފެން މީޓަރު ތަކާ ހަމައަށް އަޅާފައި އޮތީ، އެމްޑަބްލިޔުއެސްސީން ބޭނުން ކުރާ ކަހަލަ ހޮޅިއެއް ނޫން ކަމަށެވެ. އެހެންކަމުން، އެ ހޮޅިއަށް ގެއްލުމެއް ލިބިއްޖެނަމަ، މަރާމާތު ކުރާނެ ޓޫލްސް އެމްޑަބްލިޔުއެސްސީގައި ނެތް ކަމަށާއި އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެއް އެޕާޓުމަންޓުގައި މެއިންޓެނަންސް ކުރަން ބޭނުންވެއްޖެ ހިނދެއްގައި މުޅި ފްލޯއިން ފެން ކަނޑާލައިގެން ނޫނީ އެމަސައްކަތްވެސް ކުރިއަށް ނުގެންދެވޭނެ ފަދަ ގޮތަކަށް އެތަން އިމާރާތް ކޮށްފައިވާ ކަމަށް ޝާހު ވިދާވިއެވެ.

ސައްހަ ނޫން މީޓަރު ނުވަތަ ފޯލްޓީ މީޓަރުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ، އެ މީޓަރުތަކުގެ މައްސަލަ ހައްލުކުރުމަށް ކޮންޓްރެކްޓަރުގެ އެއްބާރުލުން ނުލިބުނު ކަމުގައި ވިޔަސް، އެމްޑަބްލިޔުއެސްސީން ބޭނުންވަނީ، ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން މައްސަލަ ހުރި މީޓަރުގެ މައްސަލަތައް ހައްލު ނުކުރެވޭ ނަމަ، އާ މީޓަރު ހަރުކުރުމުގެ މަސައްކަތްތައް އެމްޑަބްލިޔުއެސްސީގެ ހަރަދުގައި ނަމަވެސް ކުރިއަށް ގެންދަވާނެ ކަމަށް ޝާހް ވިދާޅުވިއެވެ.

ޝާހް އިތުރަށް ވިދާޅުވީ ފެން މީޓަރުގެ އަދި ބިލާ ބެހޭ ގޮތުން އެއްވެސް ކަމެއް ދަތިވާ ނަމަ، އެމްޑަބްލިޔުއެސްސީއަށް އެކަން އެންގުމަށް އެދިވަޑައިގަންނަވާ ކަމަށާއި ހިޔާ ފްލެޓުގެ ބޭފުޅުންނަށް ހާއްސަ ހެލްޕް ޑެސްކަކާއި ހޮޓްލައިނެއް އަންނަ ހަފުތާގައި ގާއިމު ކުރައްވާނެ ކަމަށެވެ.