ހިޔާ ފްލެޓުގައި ކޮންޓްރެކްޓަރު އަޅުވާފައި ހުރި މީޓަރަށް ދިމާވެފައިވާ އެކި ކަހަލަ ޓެކްނިކަލް މައްސަލަތައް ބެލުމަށްފަހު، މާދަމާއިން ފެށިގެން ފެން ބިލް ފޮނުވުމަށް އެމްޑަބްލިޔުއެސްސީން ތައްޔާރު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓު ސަރަހައްދުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ހިޔާ ފްލެޓުގައި މީޓަރު އަޅުވާފައި ހުރިއިރު، އިމާރާތްކުރި ކޮންޓްރެކްޓަރުން އެތަނުގައި އަޅުވާފައި ހުރީ އެމްޑަބްލިޔުއެސްސީން ބޭނުންކުރާ ކަހަލަ މީޓަރެއް ނޫން ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ސްޓޭންޑަޑާ އެއްގޮތަށް ސައްހަ ރީޑިންއެއް ނެގިދާނެކަމާމެދު ޔަގީންކަމެއް ނެތުމުން، އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ، ހިޔާގެ ކޮންޓްރެކްޓަރު އަޅުވާފައި ހުރި ފޯލްޓީ މީޓަރު އަދި މީޓަރުތަކުގައި ކޮމަން ސީރިއަލް ނަންބަރު ހުރުމުގެ ސަބަބުން، އެމްޑަބްލިޔުއެސްސީގެ ޑޭޓާބޭސްއަށް އެޅުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.

ނަމަވެސް ހިޔާގައި 3500 އާއި 4000 މީޓަރާ ދޭތެރޭގެ އަދަދަކަށް ސައްހަ މީޓަރު އެބަހުރި ކަމަށާއި އެ މީޓަރުތަކަށް ފެން ބިލު ހެދުމަށް އެމްޑަބްލިޔުއެސްސީ ތައްޔާރު ކަމަށް ވިދާޅުވިއެވެ. އަދި އެ ފަރާތްތަކަށް ފެން ބިލް ލިބުމާއެކު، އެމްޑަބްލިޔުއެސްސީގެ ލީނިއަންސީ ޕޮލިސީގެ ދަށުން މަސް މަހަށް ބަހާލައިގެން ބިލު ދެއްކޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ފެނުގެ މައި ނެޓްވޯކުން ފެށިގެން ފެން މީޓަރުތަކާ ހަމައަށް އަޅާފައިއޮތީ، އެމްޑަބްލިޔުއެސްސީން ބޭނުންކުރާ ކަހަލަ ހޮޅިއެއް ނޫން ކަމަށާއި އެހެންކަމުން އެ ހޮޅިއަށް ގެއްލުމެއް ލިބިއްޖެ ނަމަ، މަރާމާތު ކުރާނެ ޓޫލްސްވެސް ނެތް ކަމަށެވެ.،