ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތައް ސަރުކާރު ކުންފުނިތަކަށް ހަވާލުކުރުން މަނާކުރަން ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ފާސްކޮށްފިއެވެ.
ހައުސިން މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރަން ފެށީ ކުރީ ސަރުކާރުންނެވެ. އެގޮތުން ސޯޝަލް ހައުސިން ޔުނިޓުތައް ހިމަނޭގޮތަށް ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ސަރުކާރު ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
ސަރުކާރު ކުންފުނިތަކަށް އެންމެ ފުރަތަމަ ހައުސިން މަޝްރޫއުތައް ހަވާލުކުރީ 2017 ވަނަ އަހަރުއެވެ. އެ އަހަރު ކުންފުނިތަކާ މަޝްރޫއު ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށްވެސް އެއްވެސް މަޝްރޫއެއް ނިމިފައެއްނުވެއެވެ. މަޝްރޫއުތައް ނުނިމި ލަސްވާތީ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނީ އެކަން ބަލަން ފަށައިފައެވެ.
އެސްއޯއީ ކޮމިޓީން ވަނީ ކުރީ ސަރުކާރުން މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކާ ބައްދަލުކޮށްފައެވެ. އަދި ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވެރިން ހާޒިރުކޮށްގެން ކަމާ ގުޅޭ މައުލޫމާތު އޮޅުން ފިލުވައިފައެވެ. މަސައްކަތް ފަށާފައިވާ ސައިޓުތަކަށް އެސްއޯއީ ކޮމިޓީގެ މެމްބަރުން ވަނީ ޒިޔާރަތް ވެސް ކޮށްފައެވެ.
އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ފާހަގަކުރެވުނީ ކަންކަމުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ހިންގަން ޖެހުމުން ކުންފުނިތަކުގެ މާލިއްޔަތަށް ބުރަ ބޮޑުވުން ހިމެނެއެވެ. އެއީ ކުންފުނިތަކުގެ މެންޑޭޓުން ބޭރުން އިތުރު ކަންކަމަށް ފައިސާ ހަރަދުކުރަން ޖެހުމުން ކުންފުނިތަކުގެ ކޭޝްފްލޯ ތާށިވުމުގެ ސަބަބުން ކަމަށް އެސްއޯއީ ކޮމިޓީން ވަނީ ބުނެފައެވެ.
ކޮމިޓީއިން އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި ކޭޝްފްލޯ ތާށިވުމުގެ ސަބަބުން ލިކުއިޑިޓީ ރޭޝިއޯއަށް އަސަރުކޮށް، ކުންފުނީގެ އަސްލު މަސައްކަތަށް ބުރޫއެރުމުގެ އިތުރުން ދައުލަތުގެ މާލިއްޔަތަށް ބުރަ ބޮޑުވުން ހިމެނެއެވެ. ގިނަ ކުންފުނިތަކަކީ މިހާރު ވެސް ސަބްސިޑީ އާއި ކެޕިޓަލް ދީގެން ސަރުކާރުގެ އެހީގައި ހިންގާ ކުންފުނިތަކެވެ. ހައުސިން މަޝްރޫއުތައް ހިންގާނަމަ ކުންފުނިތަކުގެ ކޭޝްފްލޯއަށް މައްސަލަ ދިމާވެ، ދައުލަތުން އިތުރަށް ހަރަދުކުރަން ޖެހުން ދެކޮޅު ނުޖެހޭ ކަމަށް އެސްއޯއީ ކޮމިޓީއިން ވަނީ ފާހަގަކޮށްފައެވެ.
ކޮމިޓީގެ ރިޕޯޓުގައިވާ ކަންކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ދެކޮޅު ހައްދަވައި ވިދާޅުވީ ކުންފުނިތަކަށް ހައުސިން މަޝްރޫއު ހިންގަން ހަވާލުކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެކަމުގެ ސަބަބުން އެއް ފަހަރާ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. ޝިޔާމު ވަނީ ހައުސިން މަޝްރޫއުތައް ސަރުކާރު ކުންފުނިތަކަށް ހަވާލުކުރުން މަނާކުރަން ހުށެހެޅި ހިޔާލަށް ތާއިދު ނުކުރާކަމަށް ވިދާޅުވެފައެވެ.
ޝިޔާމަށް ރައްދު ދެއްވައި އިލްޔާސް ވިދާޅުވީ މަނާކުރަން ހުށަހަޅާފައިވަނީ ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުން ކަމަށާއި ކުންފުނިތަކުން އަމިއްލައަށް ހައުސިން މަޝްރޫއުތައް ހިންގަން މަނާ ނުކުރާ ކަމަށެވެ.
އެސްއޯއީ ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ނިންމީ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގާނީ ސަރުކާރުން ހައުސިންއަށް ހާއްސަކޮށްގެން އުފައްދާފައިވާ އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ކަމަށެވެ. އަދި އެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވެސް ވަނީ ފާސްކޮށްފައެވެ.