އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްއިން ޔޫރޮޕާ ކޮންފަރެންސް ލީގުގައި ރޭ ސްލޮވޭނީއާގެ އެންއެސް މޫރާ އަތުން ބަލިވެއްޖެއެވެ.

ސްލޮވޭނިއާ ލީގުގެ ފަސްވަނައިގައި އޮތް މޫރާ އަތުން ރޭ ޓޮޓެންހަމް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޓޮޓެންހަމަށް ވަނީ ގަދަ 16 ގެ އުންމީދު ހަނިވެފައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ޓޮޓެންހަމަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ހިމެނޭ ގްރޫޕް އީގައި ރެނެސްއިން ވަނީ ފަސް މެޗުން 11 ޕޮއިންޓް ހޯދައި، ގަދަ 16 ޔަގީންކޮށްފައެވެ. ޓޮޓެންހަމް ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އޮތް ވިޓޭސްއަށްވެސް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ގްރޫޕުގައި ބާކީ އޮތް މެޗުގައި ޓޮޓެމްހަމްއިން ނުކުންނަން ޖެހޭނީ އެއްވަނައިގައި އޮތް ރެނެސްއާ ދެކޮޅަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މޫރާގެ ޓޯމީ ހޯވާޓް ޖެހި ގޯލުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މޫރާއިން ލީޑު ނަގައިފައިވާ އިރު، ހާފު ނިމެން ދަނިކޮށް ޓޮޓެންހަމްގެ ރަޔަން ސެސިޔޯންއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައެވެ. ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ޓޮޓެންހަމްއިން މެޗުގެ 72 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އެ ގޯލު ޖަހައިދިނީ ހެރީ ކޭންއެވެ.

ކޭންގެ ގޯލާއެކު ޓޮޓެންހަމްއިން ޕޮއިންޓެއް ހޯދުމާ ދިމާލަށް ދަނިކޮށް މެޗުގެ ފަހު މިނެޓުގައި މޫރާ މޮޅުކޮށްދިން ގޯލު ޖަހައިދިނީ އަމަޑޭޖް މޮރާސާއެވެ.

މެޗަށްފަހު ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ފެނުނީ މާޔޫސް ކަމުގައެވެ. "މިރޭގެ ނަތީޖާއަކީ އަހަންނަށް ބަލައިގަނެވޭނެ ނަތީޖާއެއް ނޫން،" ކޮންޓޭ ރޭގެ މެޗަށްފަހު ބުންޏެވެ.

ކޮންޓޭ އިތުރަށް ބުނީ ތެދަށް ވާހަކަ ދައްކަން ޖެހޭ ކަމަށާއި، ތެދަށް ބުނާނަމަ ބުނަން އޮތީ ޓޮޓެންހަމް އޮތީ ދަތި ހާލަތެއްގައި ކަމަށެވެ.

"އަހަރެން ތެދުވެރިވާން ޖެހޭނެ. މިދިޔަ ތިން ހަފުތާއެއްހާ ދުވަހުން އެނގުނީ ޓޮޓެންހަމްގެ ހާލަތު ގޯސްކަން. އަހަރެން މިތާ މަޑުކުރާނީ ހިތްހަމަޖެހިގެން. އެކަމަކު ބުނަން ޖެހޭ ވާހަކައަކީ ސްކޮޑުގެ ކޮލިޓީ ރަނގަޅުކޮށް، އެހެން ކްލަބުތަކާ އަރާ ހަމަކުރަން ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭ ކަމަށް. އަހަރެން ހަމަ އަންނަ ގޮތަށް އައިސް ނަތީޖާ ނެރޭނެ ކަމަށް ނުބެލޭނެ. ޖާދޫ ހަދާ މީހެއް ނޫން މީކީ. އެކަމަކު އަހަންނަށް ކުރެވޭނެ ކަމަކީ ބުރަކޮށް މަސައްކަތް ކުރުން. އެކަން ސްކޮޑަށްވެސް އެނގޭނެ. އެއީ އަހަރެންގެ ފިލޯސަފީއަކީ،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ އޭނާއަށް ކުރަން އޮތީ ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި، ޓޮޓެންހަމް އޮތީ ދަށް ލެވެލްއެއްގައި ކަމަށެވެ.