ސެންޓާރާއިން ރާއްޖޭގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ރިސޯޓް ތަރައްގީކުރަން މާލެ އަތޮޅުން ތިން ރަށް ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައި، ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން ސެންޓާރާ ތުރީ އައިލެންޑްސް ޕްރޮޖެކްޓް ނިންމައި ލެގޫން އެސެޓްސްއާ ހަވާލުކޮށްފައިވަނީ އިއްޔެ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މިއީ އެމްޓީސީސީގެ ތާރިހުގައި ކުރިއަށްގެންދިޔަ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހުއެވެ. 26 މިލިއަން ޑޮލަރުގެ މި މަޝްރޫއު ނިންމަން ޖެހެނީ 300 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ވައްޓަފަރު ފަޅުގައި އޮންނަ ތިން އާޓިފިޝަލް ރަށެއްގެ ބިން ހިއްކައިފައެވެ. މިއިން ކޮންމެ ރަށެއްގައި ހަތް ހެކްޓަރުގެ ސަރަހައްދެއް އޮވެއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމު ވިދާޅުވީ، އެކުންފުނި އުފެދިގެން އައި ފަހުން އަބަދުވެސް ބަލަމުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ވީއެންމެ ފުރިހަމައަށް މަޝްރޫއުތައް ކުރިއަށްގެންދިއުން ކަމަށާއި އެކަން ފާއިތުވި ތިން އަހަރު ދުވަހުގައި ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ކުންފުނި އުފެދިގެން އައި ފަހުން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމުލަ 64 މަޝްރޫއެއް ނިންމައި އަދި ކުރިއަށް 63 މަޝްރޫއެއްގެ މަސައްކަތް ހިނގަމުންދާ ކަން އާޒިމް ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ޕްލޭނިން މިނިސްޓަރު އަސްލަމު ވިދާޅުވީ، ސެންޓާރަ ތުރީ އައިލޭންޑް ޕްރޮޖެކްޓަކީ އެމްޓީސީސީން ވަރަށް ފުރިހަމައަށް ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.