ޚަބަރު

ސަލާމަތްނުކުރެވޭ ވަރަށް ސަރުކާރުން މިގައުމު ދަރަނިވެރިކޮށްފި: ސައީދު

މުހައްމަދު އިޝާން

ރާއްޖެ ސަލާމަތް ނުކުރެވޭ ވަރަށް ދަރަނިވެރިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީން ރޭ އިންތިޒާމުކުރި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، 2022 ވަނަ އަހަރުގެ ބަޖެޓު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ ފައިސާ އިސްރާފުކުރަން ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ރާއްޖޭގެ ކަންކަމަށް އިންޑިއާއިން ފައިސާ ދޭގޮތަށް ކަމަށެވެ. އެގޮތަށް މީގެ ކުރިން ވެސް ސަރުކާރުން ބުނެފައިވާ ކަމަށާއި، ނަމަވެސް ދިވެހި ސަރުކާރުން ލަފާކުރާ މިންވަރާ ގާތަށްވެސް އިންޑިއާއިން ފައިސާ ނުދޭ ކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ކުރީ ސަރުކާރުން ދަރަނި ނަގާ ވާހަކަ ހަރުއަޑުން ގޮވަމުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު ދަރަނި ނަގައިނަގައި ރާއްޖެ ސަލާމަތް ނުކުރެވޭ ހާލަތަށް ވައްޓާލާފައިވާ ކަމަށާއި ރާއްޖޭގެ ސްކޫލުތައް ވެސް ރަހުނުކޮށް މިހާރު ލޯނު ނަގަން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއިން މި ސަރުކާރަށް ލޯނާއި ހިލޭ އެހީއާއި އެހެނިހެން ނަންމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކުރުވަން ކަމަށާއި، އިންޑިއާއިން ބޭނުންވި ގޮތަށް ސަރުކާރުގެ ވެރިން މިހާރު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ކޮންމެ ފަހަރަކު ވެރިކަމަށް އަންނަނީ ރައްޔިތުންނަަށް ހުވަފެން ދައްކައިގެން އުއްމީދުތަކެއް އާކޮށްދީގެން ކަމަށް ވިޔަސް، ކުރާކަމަކީ ދިވެހި ދައުލަތުގެ މުދާ ވިއްކުމާއި ފައްޓަރުބައި ވިއްކުން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ސަރުކާރުން ހުށަހެޅި ބަޖެޓުގައި ވަނީ ދެވަނަ ޖީއެމްއާރު އުފަންވުމަށް މަގުފަހިކޮށްފައި ކަމަށާއި ބަޖެޓުގައި 50 މިލިއަން ޑޮލަރު ހޯދާނެ ގޮތުގެ ތަފުސީލަކަށް އޮތީ ސަރުކާރު ކުންފުނިތައް ވިއްކުން ކަމަށެވެ. އަދި ސަރުކާރު ކުންފުނިތައް ވިއްކާލަން ރައްޔިތުން ގަބޫލުނުވިޔަސް އެކަން އޮތީ ބަޖެޓުގައި ހިމަނާފައި ކަމަށާއި އެއީ ދައްކަން ފަސޭހަ ވާހަކަތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި އަދި ބައެއް މުއައްސަސާތަކުން ބަޖެޓަށް ޖުމުލަ 73.8 މިލިއަން ރުފިޔާ އިތުރުކޮށް، އަންނަ އަހަރަށް ލަފާކުރާ 36.99 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެ ބަޖެޓުގައި ބައެއް ބޭރު ގައުމުތަކުން ހިލޭ އެހީ ލިބޭނެ ކަމަށް ލަފާކޮށް، އެ އަދަދުތައް ހިމަނާފައިވެއެވެ.