އަންނަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި އޮންނަ އަޑުއެހުން ނިމިގެންދާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެއްކޮޅަށް ކަމަށާއި އެދުވަހު ރައީސް ޔާމީން މިނިވަން ވެގެންދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، މަނީލޯންޑާ ކުރިކަން ސާބިތުވެގެން، ފަސް އަހަރު ދުވަހަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުން އަންނަ އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
އެކަމާ ގުޅިގެން ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަންގާރަ ދުވަހު، ނުފޫޒު ފޯރުވުމާއި އަނިޔާވެރިކަމުގެ މިސްރާބު ބަދަލުވެ، ރައީސް ޔާމީން މިނިވަން ވާނެ ކަމަށެވެ.
"އިންޝާﷲ ޓީވީގެ ޒަރިއްޔާއިން މުޅި ކޭސް ބައްލަވަމުން ގެންދެވި ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ކުށެއް ނުކުރައްވާކަން އޮތީ ސާބިތުވެފައި،" ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 8:45 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ، ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދު ކުރި މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތީ އޭޕްރީލް މަހުގެ 19 ގައެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
އެ ދުވަހުގެ ޝަރީއަތުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކް ޑިޕޮސިޓް ސްލިޕުގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަންބަރު ދިމާ ނުވާ މައްސަލައިގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ.
އެދުވަހުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއީ މައްސަލަ ބަލަމުން ދިޔައިރު ފާހަގަވި ކަމަކާ ގުޅޭގޮތުން ބައެއް ކަންކަން ސާފުކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ.
އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ބުނެފައި ވަނީ ދައުލަތުން ބުނާ އެއް މިލިޔަން ޑޮލަރަކީ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ބުންޏަސް ދައުލަތަށް އެކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.
އެދުވަހުގެ އަޑުއެހުން ނިންމަވައިލައްވަމުން ފަނޑިޔާރު މަހާޒް ވިދާޅުވެފައި ވަނީ އަންނަ މަހު ސުޕްރީމް ކޯޓު ރިސެސް އަށް ދިއުމުގެ ކުރިން މައްސަލައިގައި ހުކުމް އިއްވަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު